މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބަނދަރު ތަރައްޤީ ކުރުމަށް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި ޙަވާލުކޮށްފިއެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
ތިލަފުށީ ކޮންޓެއިނަރ ބަނދަރާއި، ޑޮމެސްޓިކް ޕޯޓް ތަރައްޤީ ކުރުމަށް ޗައިނާ ހަބަރ އިންޖިނިއަރިން ކުންފުންޏާއިއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ ސީއީއޯ ޙޫސެއިން ޝަފީޤެވެ. ޗައިނަރ ހަބަރ އިންޖިނިއަރިން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ކަންޓަރީގެ މެނޭޖަރ މާއޯ ބާއޯއެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަ 14.6 މީޓަރު ފުންމިނުގެ އަދި 375 މީޓަރު ދިގު މަގަތުފާލަމެއް ތަރައްޤީ ކުރާނެއެވެ. މީގެ އިތުރުން އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަ 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ ވޯލްއެއް ނުވަތަ މަގަތު ފާލަމެއް ތަރައްޤީ ކުރާނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަޞީލަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ތިލަފުށީގެ ބަނދަރުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
ދުނިޔޭގެ ބަނދަރު ހެދުމަށް ޤާބިލް ކުންފުންޏެއް ކަމަށްވާ، ސީއެޗްއީސީއާއެކު ވި މި އެއްބަސްވުމަކީ ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރާ މުހިއްމު މަސައްކަތެއް
ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފަވެއެވެ. އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 100 މީޓަރުގެ ޑޮމެސްޓިކް ކީވޯލްއާއި، 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވް ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1،000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ މަގަތުފާލަމެއްގެ އިތުރުން މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަ ކޮށްގެން 2،000 މީޓަރަށްވުރެ ދިގު މަގަތު ފާލަމެއް ހިމެނޭގޮތަށް ޑޮމެސްޓިކް ޓާމިނަލްއެއް ތަރައްޤީ ކުރެވޭނެއެވެ. މިމަޝްރޫޢު ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ، އަންނަ އަހަރު ނޮވެމްބަރ މަހުގެ 11 އަށެވެ.
މާލެ ވިޔަފާރީ ބަނދަރު ތިލަފުށްޓަށް ބަދަލު ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިވަގުތު މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން މުދާ ބާލައި ކްލިއަރ ކުރުމަށް ހޭދަ ކުރަންޖެހޭ ވަގުތު ގިނައެވެ. އައު ބަނދަރުގެ މަސައްކަތް ނިމުމުން، މުދާ ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް ކުރުވާނެ ކަމަށް އެމްޕީއެލްއިން ލަފާކުރެއެވެ. މިއީ، ކުރިއަށް އޮތް 30 އަހަރަށް އަމާޒު ކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށް ފަސޭހަވާނެހެން ފަރުމާކުރާ ބަނދަރެކެވެ. މި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން، މިހާރު ބޭނުންކުރާ މާފަންނު ބަނދަރު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރެވޭނެ ކަމަށްވެސް އެމްޕީއެލުން ވިދާޅުވެއެވެ.