ތިމާވެށި

މާމެންދޫ ވޭސްޓް ކަލެކްޝަން ސެންޓަރު އިތުރަށް ތަރައްޤީކުރަނީ


އާބާދީގައި ގާތްގަނޑަކަށް އެއް ހާސް މީހުން ދިރިއުޅެމުން އަންނަ ލ. މާމެންދޫގައި ޤާއިމުކޮށްފައިވާ ވޭސްޓް ކަލެކްޝަން ސެންޓަރަކީ، އދ. ގެ 7 ޖަމިއްޔާއެއް ގުޅިގެން ހައްދުންމައްޗަށް ޚާއްސަކޮށްގެން ހިންގާ "ލޯ އެމިޝަން ކްލައިމެޓް ރެޒީލިއަންޓް ޑިވެލޮޕްމަންޓް"، ލެކްރެޑް ޕްރޮގްރާމްގެ ތެރެއިން ޔޫ.އެން.ޑީ.ޕީގެ ލޯން އެހީއާއެކު ޤާއިމުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގެ އެންމެހާ ކަންކަން ހިންގަވަމުން ގެންދަވަނީ މާމެންދޫ ކައުންސިލްގެ ސީދާ ބެލުމުގެ ދަށުންނެވެ. އެގޮތުން ކުނިވާ ޒާތުގެ ކުންޏާއި، ކުނި ނުވާ ޒާތުގެ ކުނި ވަކިކުރައްވާ، އެތަކެތި ރައްކާތެރިގޮތުގައި މެނޭޖްކުރެއްވުމުގެ މަސައްކަތް އެރަށު ކައުންސިލުން ދަނީ ކުރައްވަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން ލ. މާމެންދޫ ކައުންސިލްގެ ރައީސް ޢަލީ ޝިފާޒް ވިދާޅުވީ، ލެކްރެޑް ޕްރޮގްރާމާއެކު އެރަށުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންގޮސްފައިވާކަމަށެވެ. އަދި މި މަސައްކަތަށް ސިކްސް ސެންސެސް ލާމު ހޮޓެލް ރިސޯޓް އަދި ހޮރައިޒަން ފިޝަރީޒްގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަން ޝިފާޒް ފާހަގަކުރެއްވިއެވެ. އެގޮތުން ސިކްސް ސެންސެސްގެ އެހީތެރިކަމާއެކު، ދަޅު ފިއްތާ މެޝިނަކާއި، ބިއްލޫރި ފުޑާ މެޝިނެއްގެ އިތުރުން ޕްލާސްޓިކް ކުދިކުރާ މެޝިނެއް ގެނެއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އަމާޒަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވޭސްޓް ކަލެކްޝަން ސެންޓަރ ތަރައްޤީކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުކަމަށެވެ.

img:http://s1.psmnews.mv/images/660x400/14640844686977.jpg|ލ.މާމެންދޫ- ފޮޓޯ: ގޫގްލް މެޕްސް "ސިކްސް ސެންސަސްއާއެކު މިހާރު އެއްބަސްވެވިފައިވާނީ ދަޅު ފިއްތާ މެޝިނަކާއި، ބިއްލޫރި ފުޑާ މެޝިނެއްގެ އިތުރުން ޕްލާސްޓިކް ކުދި ކުރާ މެޝިނެއް ހޯދުމަށް. އޭރުން މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށްވެސް ހައްލެއް ލިބިގެންދާނެ. މި މަސައްކަތް ކުރުމުގައި އަޅަގަނޑުމެންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑުމެން އެއްކުރާ ކުނި ރަށުން ބޭރު ކުރެވޭނެ ގޮތެއް ނެތުން. އެކަމަށްވެސް އަވަސް ހައްލެއް ލިބިގެންދާނެކަމަށް މި އުއްމީދުކުރަނީ" މާމެންދޫ ކައުންސިލުގެ ރައީސް އަލީ ޝިފާޒް ވިދާޅުވިއެވެ. 

ލެކްރެޑް ޕްރޮގްރާމާއެކު ހާސިލުވި އެންމެ ބޮޑު ކާމިޔާބީއަކީ، މާމެންދޫއަކީ ތިމާވެއްޓަށް ހޭލުންތެރިވެފައިވާ ވިލުންވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ވެގެންދިޔުންކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"ޒަމާނުއްސުރެއް މާމެންދޫގެ ރައްޔިތުންނަކީ ސާފުތާހިރުކަމަށް ވަރަށް ލޯބިކުރާ ރައްޔިތުންތަކެއް. ރަށުތެރެ ސާފުކުރުމަކީ ކައުންސިލުން ރަސްމީކޮށް އެއްވެސް ބަޔަކާއި ހަވާލުކޮށްގެން ކުރާ ކަމެއް ނޫން. އެކަން ކުރަނީ ރައްޔިތުން އިސްވެ، ކައުންސިލާއި ގުޅިގެން" ޝިފާޒް ވިދާޅުވިއެވެ.  

ތިމާވެށީގެ ގޮތުން މާމެންދޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަން މާމެންދޫ ކައުންސިލުން ފާހަގަކުރައްވައެވެ. އެގޮތުން، ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދެވުމުގެ ގޮތުން، ފަންނީ ބޭފުޅުންގެ ލަފައާއެކު އެކަމަށް ހަދަންޖެހޭ ދިރާސާތައް މިހާރު ހެއްދެވުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީއާއި ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާކަމަށް މާމެންދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.