ޚަބަރު

ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިމިއްޖެ


  • މިމަޝްރޫޢަށް 420,000 ޚަރަދުވެފައިވޭ

  • ޕާކު ހަދާފައިވަނީ އެރަށުގެ ކުޅުދޫ އަވަށުގައި

ނ .ކެނދިކުޅުދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިމިއްޖެ

މި ޕާކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މި ވައުދާ އެއްގޮތަށް ޕާކުގެ މަސައްކަތް ނިމިގެން ދިއުމަކީ، ރަށުގެ އިޖުތިމާއީ ދިރިއުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެރަށުގެ ރައްޔިތުން ދެކެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިޔަށްގެންދިޔަ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ވިދާޅުވީ، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން ކުރިއަށްދިޔަ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އާރުޑީސީން ވިދާޅުވީ، މި ޕާކުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫއަށް ޖުމްލަ 420,000 ރުފިޔާ ޚަރަދުވިކަމަށް އާރްޑީސީން މައުލޫމާތުދެއްވައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އާރްޑީސީއާއިއެކު ސޮއިކޮށްފައިވަނީ، 29 މާރިޗު 2025 ގައެވެ. މި މަޝްރޫއުގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި ލޭންޑްސްކޭޕިންގ އަދި ހާޑްސްކޭޕިންގ މަސައްކަތްތަކުގެ އިތުރުން، ޕާކު ސެޓުތައް އިންސްޓޯލްކުރުން ހިމެނެއެވެ. މި ޕާކު ތަރައްޤީ ކޮށްފައިވަނީ، ކެނދިކުޅުދޫގެ ކުޅުދޫ އަވަށުގައެވެ.

ކެނދިކުޅުދޫއަކީ، ކުރިން ކުޅުދޫ އަދި ކެނދިކޮޅުގެ ނަމުގައި ދެ ރަށެއްގެ ގޮތުގައި އޮތް ރަށަކަށްވި ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މި ދެ އަވަށަކީ އެއް ފަސްގަނޑެއްގައި އޮތް ދެ ސަރަހައްދު ކަމަށްވާތީ، އެއީ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅައި 'ކެނދިކުޅުދޫ'ގެ ނަމުން ނަން ދީފައިވާ ރަށެކެވެ.