ޓުއަރިޒަމް

ނާގޯށި ރިސޯޓް - ހދ. އަތޮޅުގެ ރައްޔިތުންނަށް މުހިއްމު މަޝްރޫޢެއް


އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. އެމްޓީޑީސީ ވުޖޫދަށް އައުމަށްފަހު ސަރުކާރުން އެކުންފުންޏަށް ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް ނުވަވަރަކަށް ރަށް ދީފައިވާއިރު، ހދ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދިން ނާގޯއްޓަކީ ފާހަގަކޮށްލެވޭ މަޝްރޫއުއެކެވެ.

ނާގޯށި މަޝްރޫއު އާއި ބެހޭގޮތުން ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ޝުޖާއު ވިދާޅުވީ ނާގޯއްޓަކީ އެމްޓީޑީސީގެ މުސްތަޤްބަލަށް ވިސްނައިގެން ތަރައްޤީކުރުމަށް ނިންމި ވަރަށް މުހިއްމު މަޝްރޫއުއެއްކަމަށެވެ. ޝުޖާއު ވިދާޅުވީ، ނާގޯއްޓަކީ މުސްތަޤްބަލުގައި އެމްޓީޑީސީއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނާނެ އެއް ރިސޯޓްކަމަށާއި، ހަމަ އެހެންމެ، މި ރިސޯޓަކީ ހދ އަތޮޅުގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ މުހިއްމު ރިސޯޓެއްކަމަށެވެ. ހުއްޓިފައިވާ ނާގޯޝީގެ މަސައްކަތް އަލުން ފެށުމަށް އެރަށް ހަވާލުކުރި ކުންފުނި ތްރީކޭ އިންޓަރނޭޝަނަލް އާއިއެކު މަޝްވަރާތައް ކުރަމުންގެންދާކަމަށް ޝުޖާއު ވިދާޅުވިއެވެ. މިގޮތުން މިހާރު ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް ވީހާވެސް އަވަހަކަށް މަޝްރޫއުގެ މަސައްކަތްތައް ފެށުމުގެ އުއްމީދު ބޮޑުކަމަށް ޝުޖާއު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14621034732062.jpg|އެމްޓީޑީސީގެ ރިސޯޓެއް / ފޮޓޯ: އެމްޓީޑީސީ

"އަޅުގަނޑުމެން އުއްމީދު މިކުރަނީ ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެ ފަރާތުން ވާހަކަދައްކައިގެން މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް. އެމްޓީޑީސީން ހދ އަތޮޅުގެ ރައްޔިތުންނަށް ޔަގީންކަން ދޭން ބޭނުންވޭ މިހާރު ނާގޯށި ހަވާލުކުރި ފަރާތައް އެރަށް ތަރައްޤީނުކުރެވިއްޖެ ނަމަ އެމްޓީޑީސީން އަމިއްލައަށްވެސް އެރަށް ތަރައްޤީ ކުރާނެކަން" ޝުޖާޢު ވިދާޅުވިއެވެ. 

އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމަށް ތްރީކޭ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2007 ވަނަ އަހަރުއެވެ. ތްރީކޭއިން ވަނީ މި ރަށް ތަރައްޤީކުރުމުގެ މަޝްރޫއު އަވަސްކުރުމުގެ ގޮތުން މިދިޔަ އަހަރު ބަހްރެއިންގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. 600 އެނދުގެ މި ރިސޯޓް ތަރައްޤީކުރުމަށް ވޭތުވެދިއަ އަހަރުތަކުގެ ތެރޭގައި މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ. 

ހަ ސޭތަކަ އެނދުގެ މި ރިސޯޓުން ތިންސަތޭކަ އެނދުގެ މަސައްކަތް ނިންމައި ވީހާވެސް އަވަހަކަށް އެރަށް ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމްޓީޑީސީން ވިދާޅުވެއެވެ.