ޚަބަރު

އަތޮޅުތެރޭގެ ތަކެތީގެ އަގުތައްވެސް ފެންނާނެގޮތަށް އަގުމަގު އެޕް ތަޢާރަފްކޮށްފި


  • ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައް ފެންނާނެ

  • އަގު ހެޔޮވުމުން ނުވަތަ ބޮޑުވުމުން ވަގުތުން ނޮޓިފިކޭޝަން ލިބޭނެ

ބާޒާރުގައި ތަކެތީގެ އަގުތައް ފެންނަން ހުންނާނެ އަގުމަގު އެޕް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ތަޢާރަފްކޮށްފިއެވެ. މިއީ ތަކެތީގެ އަގުތައް ފަސޭހައިން އާންމުންނަށް ފެންނާނެ އިންތިޒާމް ހަމަޖެއްސުމަށް ލޯންޗްކުރި އެޕްލިކޭޝަންއެކެވެ.

ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބެލޭނެ "އަގުމަގު" ޕޯޓަލް ލޯންޗްކޮށްފައިވަނީ 28 ފެބްރުއަރީ 2025 ގައެވެ. ނަމަވެސް މި ޕޯޓަލް މެދުވެރިކޮށް ފެންނަނީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތަކެވެ. ނަމަވެސް މިހާރު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އަގުމަގު އެޕް ތަޢާރަފްކޮށްފައެވެ. މީގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެއެވެ. އެގޮތުން ގަންނަ ތަކެތި ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ އަގުތައް ބަލާލެވޭނެއެވެ. އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖްކޮށް އަގު އަދި އެންމެ ބޮޑު އަގުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައްވެސް ބަލައިގަނެވޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް ތަނަކަށް ދިއުމުގެ ކުރިން ނުވަތަ ދަތުރުކުރުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައިކަން ބަލާލެވޭނެއެވެ. އަދި އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގު ހެޔޮވުމުން ނުވަތަ ބޮޑުވުމުން ވަގުތުން މި އެޕްލިކޭޝަން މެދުވެރިކޮށް ނޮޓިފިކޭޝަން ލިބޭނެއެވެ.

މީގެއިތުރުން އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓުތައް ސޭވްކޮށް ބޭނުން ކޮންމެ ވަގުތަކު އެ ތަކެތީގެ އަދާހަމަ އަގު ބަލާލެވޭނެއެވެ. އަދި މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެގޮތާއި ވަކިވަކި ތަކެތި އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ފަސޭހަކަމާއިއެކު ހޯދާލެވޭނެކަމަށް ިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.