2028ގެ މެދާއި ހިސާބަށް ދާއިރު، ލ.ހިތަދޫ ކޯޒްވޭގައި ހިމެނޭ މަގު ނިންމައި، އާއްމުންނަށް މަގު ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިމޭނެ ކަމަށް އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި، ލ.މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ވަނީ ލ.ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާ، ނިމޭނެ ދުވަހެއް ސާފުކުރުމަށް ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ، އެ މަސައްކަތުގެ ޓައިމްލައިން ތަފްސީލް ކޮށްދެއްވާފައެވެ.
އެގޮތުން، 22 ޖެނުއަރީ 2023ގައި އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް ބަޔަކާއި ހަވާލުކުރި ނަމަވެސް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ،މި ސަރުކާރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. 2 ސެޕްޓެމްބަރ 2023ގައި އެ މަސައްކަތް މޮބިލައިޒްކުރި ކަމަށް ރިޕޯޓްތަކުން ދެއްކިނަމަވެސް، އޭރު ފެށި ސަރވޭއާއި، ބޯހޯލްއާއި ގުޅުންހުރި މަސައްކަތްތައްވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި، ޑިޒައިންނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ފުރިހަމަކުރީ، މި ވެރިކަމުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 20 އޮކްޓޯބަރ 2025ގައި ކަމަށާއި އެއީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ފެށި މަޝްރޫޢެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުން އެދޭހާ ބާރުމިނުގައި މަސައްކަތް ނުދޭ. ކުރީ ސަރުކާރުން ސޮއިކޮށްފަ ހުރި 40ވަރަކަށް ބިލިއަން ރުފިޔާގެ މަޝްރޫޢު ހުރި. ދައުލަތުގައި ހުރި ފައިސާއިން ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫޢުތަކާއި، މި ވެރިކަމުގައި ފަށައި އައު މަޝްރޫޢުތަކާއި އެކުގައި ކުރިއަށް ގެންދަން ރަނގަޅަށް ޝެޑިއުލް ހަދައިގެން މި މަސައްކަތް ކުރަނީ." ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.
81 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ 390 މީޓަރުގެ ރިވެޓްމެންޓަކާއި، 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި، 714 މީޓަރުގެ ދިގު މަގެއް ހިމެނޭ މަޝްރޫޢެކެވެ. އޭގެތެރެއިން ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލްބްލޮކްތައް ބަލްކްކޮށް ކާސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވި ބައެއް ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް، އެއްފަހަރާ އެތައް މަޝްރޫޢެއްގައި ސޮއިކޮށްފައިވުމުގެ ސަބަބުން، މާލީގޮތުން ކަންކަން ޕްލޭންކޮށް ހުރިހާ މަޝްރޫޢެއް ނިމޭނެ ގޮތަކަށް ރަނގަޅު ތާވަލެއްގެ ދަށުން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގައި ހުރި ފައިސާއިން މަޝްރޫޢުތައް އެންމެ އެކަށީގެންވާ ގޮތަށް ނިންމުމަށް އިސްކަންދެއްވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.