ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގެ ވޯޑަށް ޖާގަ އިތުރުކުރުމާއި ޖީޕީ ކުލިނިކުގެ މަސައްކަތް އޮކްޓޫބަރު މަހު ނިންމަނީ


  • ހުޅުމާލެ ހޮސްޕިޓަލަށް 28 އެނދު އިތުރުކުރުމަށް ހަމަޖެހިފައިވޭ

  • ޖީޕީ ކްލިނިކް ތަރައްޤީ ކުރަނީ އަމާން އުދަރެހުގެ 6ވަނަ ޓަވަރުގައި

ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އަދި ޕީޑިއެޓްރިކް ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއި ދެވަނަ ފިޔަވަހީގެ ޖީޕީ ކްލިނިކްގެ މަސައްކަތް އޮކްޓޫބަރު މަހު ނިންމާލުމަށް ހަމަޖެހިފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް 28 އެނދު އިތުރުކުރުމަށް ނިންމާފައިވެއެވެ. ދެވަނަ ފިޔަވަހީގައި ޖީޕީ ކްލިނިކް ތަރައްޤީކުރަނީ އަމާން އުދަރެހުގެ 6 ވަނަ ޓަވަރުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ ވޯޑަށް ޖާގަ އިތުރުކުރުމުގެ މަސައްކަތާއި ޖީޕީ ކްލިނިކް ތަރައްޤީކުރުމުގެ މަސައްކަތަށް ލަސްތަކެއް އައިނަމަވެސް މިހާރު އަލުން އެ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އަދި މިހާރު ޝެޑިއުލްކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހަށް އެ މަސައްކަތްތައް ނިންމާލުމަށްކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް 28 އެނދު އިތުރުކުރާއިރު މީގެތެރެއިން 4 އެނދު މެޑިކަލް ހައި ޑިޕެންޑެންސީ ޔުނިޓު، އެޗްޑީޔޫއަށް ޚާއްސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖެނެރަލް ވޯޑަށް 15 އެނދު އަދި ކުޑަކުދިންގެ ވޯޑަށް 9 އެނދު އިތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި މިހާރު ހުރީ 6 އެނދެވެ. މިމަސައްކަތް ނިމޭއިރު ކުޑަކުދިންގެ ވޯޑުގައި ޖުމްލަ 15 އެނދު އަދި ޖެނެރަލް ވޯޑުގައި 27 އެނދު ހުންނާނެ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.


ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ޚިދުމަތްތައް އިތުރުކުރުމަށްޓަކައި މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިންގ ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓާއި، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އައިސީޔޫގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައެވެ.

އިތުރުވެގެން ދިޔަ މި ޚިދުމަތްތަކާއެކު ހޮސްޕިޓަލުގެ އީއާރުގެ އެނދުތަކުގެ އަދަދު 7 އިން 14 އަށް ވަނީ އިތުރުކޮށްފައެވެ. ޒަމާނީ ވަސީލަތްތަކާއެކު އީއާރުގެ ޚިދުމަތް ފުޅާކުރިއިރު، ޑައިލިސިސް ޔުނިޓުގެ އެނދުތަކުގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން އަމާން އުދަރެހުގެ 6ވަނަ ޓަވަރުގައި ތަރައްޤީކުރާ ޖީޕީ ކްލިނިކުން އާއްމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމާއި ސާމްޕަލް ނެގުމާއި އެކްސްރޭ ނެގުމުގެ ޚިދުމަތް ދޭނެއެވެ. އޭގެ އިތުރުން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ނަމަ އެ ކްލިނިކުން ރިފަރަލް ހަދައިދޭނެއެވެ.