ޚަބަރު

ބޯންމެރޯ ހެދުމަށް 6 ކުއްޖަކު އިންޑިއާއަށް ފުރަނީ


  • މިއީ މިއަހަރު ފުރާ ފުރަތަމަ ގްރޫޕް

  • އިތުރު 4 ކުއްޖަކު ފުރުމަށް އިދާރީ ކަންކަން ދަނީ ހަމަޖައްސަމުން

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ 6 ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ. މިއީ، މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

ބޯންމެރޯ ހެދުމަށް މިއަހަރު ފުރާ ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިއްޙަތާއި ބެހޭ ވަޒީރު ގީލާ ޢަލީއާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާހާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަލްފާޟިލް އިބްރާހީމް ޢަބަދުއްރައްޒާޤު ޙަލީމާއި، ތެލަސީމިއާ ސެންޓަރުގެ އިސްވެރިންގެ އިތުރުން ފުރަން ހަމަޖެހިފައިވާ ކުދިންގެ އާއިލާތަކުން ބައިވެރިވިއެވެ.

ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޚަރަދު ހަމަޖެއްސުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ)އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ވަނީ ޖަމާކޮށްފައެވެ. މި އެހީ ފޯރުކޮށްދިނީ، 21 ފެބްރުއަރީ 2024ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުންނެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިންވެސް، 2014ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއް ކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ޚާއްޞަ ފަރުވާގައި ބަލި މީހާގެ ބަލިޖެހިފައިވާ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެއެވެ. މި ފަރުވާ ކާމިޔާބުވުމުން ޤަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެއެވެ.

ތެލަސީމިއާ ބަލީގެ 10 ކުއްޖަކު ވަނީ އެޗް.އެލް.އޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، 2026ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފައެވެ. ފުރަތަމަ ބުރުގައި 6 ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލުތަކަށް ފޮނުވުމުގެ އެންމެފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރަމުންނެވެ.

2024ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް، އެކުދިންގެ ފުރާނަ ސަލާމަތްކޮށްދީ ދިރިއުޅުން ފަސޭހަކޮށްދޭ، މި ފަރުވާ ހޯދައިދިނުމަށް އެހީވުމަށް ޒަކާތު ފަންޑުން ސީދާ ގޮތުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.