ޚަބަރު

ޕީއެސްއެމް ވޯލްޑް ކަޕް ހަވީރު: ކުޅިވަރުން ކުޑަކުދިންނަށް އުފާވެރި ވަގުތެއް


  • ވޯލްޑް ކަޕް ނިމެންދެން ކޮންމެ ހަފުތާ ބަންދެއްގައި އޮންނާނެ

  • އެކި އުމުރުގެ ކުދިން ގަޔާވާނެ ތަފާތު ކުޅިވަރުތައް

  • ސްޓޭޖް ހަރަކާތްތަކާއި ފުޑް ސްޓޯލްތައް

ފީފާ ވޯލްޑް ކަޕް 2026ގެ ފޯރި ދިވެހިންގެ މެދުގައި ގަދަކޮށް، ގިނަބަޔަކަށް ބައިވެރިވެވޭނެ ފަދަ ކުޅިވަރުގެ ބޮޑު އީދަކަށް މި މުބާރާތް ހެދުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ކުޑަކުދިންގެ ހަވީރު ނުވަތަ ކާނިވާ މި ހަފްތާ ބަންދުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މި ހަފްތާގައި ވެސް ކާނިވަލަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ޕީއެސްއެމްއިން ކުރިއަށްގެންދާ ކުޑަކުދިންގެ ކާނިވާ އޮންނާނީ، ވޯލްޑް ކަޕް ކުރިއަށްދާ މުއްދަތުގައި ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ހަވީރު 4 އިން 6 އަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގގެ ގޯތިތެރޭގައެވެ. މި ކާނިވަލަށް ވަނުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. ކާނިވަލުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނަގާނެއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާ ގާތްގަނޑަކަށް ޖެހިފައިވާއިރު، ކޮންމެ ހަފްތާއަކުވެސް މި ކާވިނަލް އިތުރަށް ފުރިހަމަވެ، ކުދިންގެ މެދުގައި އިތުރު ފޯރިއާއި ޖޯޝު ގެނުވައެވެ. އަދި ހިތްހަމަޖެހޭ، ގިނަ ކުދިން އެކުގައި މަޖާކޮށްލެވޭ މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލެވޭތީ، އެކަމާ އެކުދިން ތިބޭ ހިތްހަމަޖެހި، އުފާވެފައެވެ.

ކޮންމެ ހަފުތާ ބަންދެއްގައި ބާއްވާ މިކާނިވާ ވެފައިވަނީ ކުޑަކުދިން ގަޔާވާ، އެކުދިންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބޭ ހަވީރަކަށެވެ. މި ކާނިވަލަށް އައި ބައެއް ކުދިން ބުނީ، މިއީ ވަރަށް މަޖާ ކާނިވަލެއް ކަމަށެވެ. އަދި މިތަނުގައި ހުރި ކުޅިވަރުތަކަކީ އެކުދިން ގަޔާވާ ކުޅިވަރުތަކެއް ކަމަށް ވަނީ ބުނެފައެވެ.

ކާނިވަލުގައި ފުޑް ސްޓޯލް ހިންގާ ފަރާތްތަކުން ވެސް ވަނީ، މި ކާނިވަލަށް ލިބެމުންދާ ތަރުހީބާއެކު، ފުޓުބޯޅައަށް، ޙާއްސަ ގޮތެއްގައި ވޯލްޑް ކަޕަށް ދިވެހިންގެ މެދުގައި އޮތް ފޯރި ވަރަށް ބޮޑަށް ފެނިގެންދާ ކަމަށެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ބޮޑެތި މީހުންނަށް ޚާއްސަ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައްވެސް ވޯލްޑް ކަފް ކުރިއަށްދާ މުއްދަތުގައި ޕީއެސްއެމް ގޯތިތެރޭގައި އޮންނާނެއެވެ. ވޯލްޑް ކަޕް ފެށުމާއެކު ޕީއެސްއެމްއިން އަންނަނީ، ދިވެހިންގެ މެދުގައި މި މުބާރާތުގެ ފޯރި އިތުރު ކުރުމަށް އެކިކަހަލަ ހަރަކާތްތައް ހިންގަމުންނެވެ.