ޚަބަރު

ކްލައިމެޓް ޗޭންޖް ފޯރަމް - ތަޖުރިބާ ދަތުރު


ލާމު ކްލައިމެޓް ޗޭންޖް ފޯރަމްގެ ބައިވެރިން ލ. މާމެންދޫއަށް ކުރި ދަތުރަކީ، "ލާމުން ދަސްކެރާން" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދިޔަ ތިން ވަނަ ކްލައިމެޓް ޗޭންޖް ފޯރަމްގެ ސެޝަންތައް ނިންމާލުމަށްފަހު، ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ކުރި ދަތުރެކެވެ. މި ދަތުރު އިންތިޒާމްކޮށްފައިވަނީ ހައްދުންމަތީގައި ކުރިއަށްގެންދާ "ލޯ އެމިޝަން ކްލައިމެޓް ރެޒީލިއަންޓް ޑިވެލޮޕްމަންޓް" ނުވަތަ "ލެކްރެޑް" ޕްރޮގްރާމްގެ އޮފިޝަލުންނާއި، ލ. މާމެންދޫ ކައުންސިލް ގުޅިގެނެވެ. ފޯރަމްގެ ބައިވެރިން މާމެންދޫއަށް ޒިޔާރަތްކުރުމުން އެރަށު ކައުންސިލްގެ ފަރާތުން ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އެއަށްފަހު ފޯރަމްގެ ބައިވެރިން މާމެންދޫގައި ހުންނަ ވޭސްޓް ކަލެކްޝަން ސެންޓަރަށް ޒިޔާރަތްކޮށް، އެތަނުގެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ބަލާލާފައެވެ.

މާމެންދޫގައި ޤާއިމުކޮށްފައިވާ ވޭސްޓް ކަލެކްޝަން ސެންޓަރަކީ ލެކްރެޑް ޕްރޮގްރާމްގެ ތެރެއިން ޔޫ.އެން.ޑީ.ޕީގެ ލޯން އެހީއާއެކު ޤާއިމުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގެ އެންމެހާ ކަންކަން ހިންގަމުންދަނީ މާމެންދޫ ކައުންސިލްގެ ސީދާ ބެލުމުގެ ދަށުންނެވެ. އެގޮތުން ކުނިވާ ޒާތުގެ ކުންޏާއި، ކުނި ނުވާ ޒާތުގެ ކުނި ވަކިކޮށް، އެތަކެތި ރައްކާތެރިގޮތުގައި މެނޭޖްކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ކުރަމުންދެއެވެ. 

img:http://s3.psmnews.mv/images/660x400/14768683198187.jpg|މާމެންދޫގައި ޤާއިމުކޮށްފައިވާ ވޭސްޓް ކަލެކްޝަން ސެންޓަރު / ފޮޓޯ: ޕީއެސްއެމް

މާމެންދޫ ކައުންސިލްގެ ފަރާތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ޢަލީ ޝިފާޒް ވިދާޅުވީ، ފޯރަމްގެ ބައިވެރިން އެރަށަށް ކުރި ޒިޔާރަތަކީ ނުހަނު ބޭނުންތެރި، އަދި އެކަމުގެ ސަބަބުން މުހިއްމު ކަންތައްތަކެއް ދަސްވެގެންދިޔަ ދަތުރެއްކަމަށެވެ. އެގޮތުން މި ފޯރަމްގައި ރާއްޖޭގެ 17 އަތޮޅަކުން މަންދޫބުން ބައިވެރިވެފައިވާއިރު، މާމެންދޫގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހިނގާގޮތް އެބޭފުޅުން ދައްކާލެވިއެވެ. އެބޭފުޅުންގެ ތަޖުރިބާތައް ކައުންސިލާ ހިއްސާކުރުމުގެ ފުރުޞަތު މި ދަތުރުގެ ތެރެއިން ލިބިގެންދިޔަކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ފޯރަމްގެ ބައިވެރިންގެ ފަރާތުން ވާހަކަދެއްކި ފަރާތެއް ބުނިގޮތުގައި، މިފަދަ ދަތުރެއްގެ ސަބަބުން، ފޯރަމްގައި ކުރިއަށްގެންދިޔަ ސެޝަންތަކުން ދަސްވިކަންކަން އެބޭފުޅުންނަށް އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދިޔަކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް އެއް ހާސް މީހުން ދިރިއުޅެމުން އަންނަ ލ. މާމެންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި ލެކްރެޑްގެ އިތުރުން، ސިކްސް ސެންސެސް ލާމު ހޮޓެލް ރިސޯޓާއި، މާމެންދޫ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި، އެއްބާރުލުމެއް ލިބެމުންދާކަން މާމެންދޫ ކައުންސިލުން ފާހަގަކުރައްވައެވެ.