ޚަބަރު

ފަހަތުން އަރާ 3 ލަނޑު ޖަހައި ޗެމްޕިއަން އާޖެންޓީނާ ކުރިއަށް


  • އާޖެންޓީނާ މޮޅުވީ އިތުރު ވަގުތުގެ ލަނޑުން

ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން ޗެމްޕިއަން އާޖެންޓީނާ ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

އާޖެންޓީނާ ކުއާޓަރ ފައިނަލަށް ދަތުރުކުރީ 3-2 ން މިޞްރު ބަލިކޮށްގެނެވެ. މެޗުގެ 79 ވަނަ މިނިޓާ ހަމައަށްވެސް މިޞްރު އޮތީ 2-0 ން ކުރީގައެވެ. އެކަމަކު 79 ވަނަ މިނިޓްގައި ޑިފެންޑަރ ކްރިސްޓިއަން ރޮމެރޯ ބޮލުން ގޯލަށް ފޮނުވާލި ބޯޅައިން ފަރަގު ކުޑަކުރިތާ ތިން މިނިޓްގެ ތެރޭގައި ކެޕްޓަން މެސީ އޭރިޔާ ތެރެއިން އެއްފަހަރުން ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލި ބޯޅައިން ނަތީޖާ ހަމަހަމަ ކުރިއެވެ.

އާޖެންޓީނާ ކުއާޓަރ ފައިނަލަށް ގެންގޮސްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ބޮލުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ޖެހީ އެންޒޯ ފެނާންޑޭޒް އެވެ. އެލަނޑުގެ ކުރިން މިޞްރުގެ ސަލާހުއަށް އާޖެންޓީނާ ހާފްތެރެއިން ފައުލުކޮށްފައިވާ ކަމަށްބުނެ. ވީއޭއާރުން ބަލަން މިސްރުން ވަރަށްބޮޑަށް ޑިމާންޑް ކުރިއެވެ.

އެހަމަނުޖެހުންތަކުގެ ތެރެއިން މިސްރު ކޯޗަށް ރީނދޫ ކާޑް އަދި އޮފިޝަލަކަށް ރަތްކާޑްވެސް ދެއްކިއެވެ. އެކަމަކު ރެފްރީ ވީއޭއާރުން ނުބަލައެވެ. މެޗުގައި މިސްރުން ޖެހި ގޯލެއް ވީއޭއާރުން ބަލާ ފަައުލް ކަމަށް ނިންމިއެވެ. އެޓޭކް އުފެއްދީ ފައުލުކޮށްފައިކަމަށް ބަލާ ގޯލް ކެންސަލްކުރީ މިސްރު ކުޅުންތެރިން ވަރަށްބޮޑަށް އުފާފާޅުކުރި ފަހުންނެވެ.

ވީއޭއާރުން ކެންސަލް ކުރި ގޯލުގެ ކުރިން މިސްރުން ލީޑް ނެގީ 16 ވަނަ މިނިޓްގައި ޔާސިރު އިބްރާހީމް ޖެހި ގޯލުންނެވެ. އޭގެފަހުން އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން މިސްރު ކީޕަރު މަތަކުރިއެވެ. މިއީ މިމުބާރާތުގައި މެސީ އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ އެވެ.

މިސްރުން ދެ ލަނޑުގެ ލީޑެއް ނެގީ 68 ވަނަ މިނިޓްގައެވެ. މިސްރު ޕެނަލްޓީ އޭރިޔާއާ ހިސާބުން ކެޕްޓަން ސަލާހު ބޯޅަ ހިފައިގެން އަރާ އާޖެންޓީނާ އޭރިޔާ ތެރެއިން ޖައްސާލީ ހަސަން އަށެވެ. އޭނާ މުސްތަފާ ޒިކޯއަށް ޖައްސާލުމުން އެއްފަހަރުން ގޯލުގެ މެދަށް ފޮނުވާލިއެވެ.

މިސްރުން ދެ ލަނޑުގެ ލީޑެއް ނެގުމުން ޗެމްޕިއަން އާޖެންޓީނާ ކަޓާނެ ކަމަށް ބެލެވުނަސް މެސީ ވަނީ މުބާރާތުގައި އޭނާގެ 8 ވަނަ ލަނޑުން ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ލަނޑު ލިސްޓްގެ ކުރީގައި ހުރީވެސް މެސީއެވެ. މެޗުގައި އަލްވަރޭޒް ފޮނުވާލި ބާރު ބޯޅައެއް މިސްރު ކީޕަރު މަތަކުރިއެވެ.

ކުއާޓަރ ފައިނަލްގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ ޕެނަލްޓީގައި ކޮލަމްބިއާ ބަލިކޮށް ގަދަ 8 ޓީމުގެތެރެއިން ޖާގަ ހޯދި ސްވިޒަރލެންޑާއެވެ.