ތިމާވެށި

ސާކޯސަން އިންޓަރ ކަންޓްރީ ގްރޫޕްގެ 7 ވަނަ ކޮންފަރެންސް


ސައުތު އޭޝިޔާގެ ޤައުމުތަކުގެ މެދުގައި ބާއްވާ ސާކޯސަން އިންޓަރ ކަންޓްރީ ގްރޫޕްގެ 7 ވަނަ ކޮންފަރެންސަށް ތައްޔާރުމުގެ ގޮތުން ބައްދަލުވުންތަކެއް މިއަދު ރާއްޖޭގައި ފަށައިފިއެވެ.

މީ ސައުތު އޭޝިޔާގެ ޤައުމުތަކުގެ ނަރުދަމާ ނިޒާމްތައް ރަނގަޅު ފެންވަރެއްގައި ޤާއިމްކުރުމާ ގުޅޭގޮތުން ބައްވާ ކޮންފެރެންސަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ބައްދަލުވުންތަކެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ މި ބައްލުވުންތައް ފެއްޓުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން ވިދާޅުވީ، ސާކޯސަންގައި ތަންފީޒު ކުރަން ނިންމާފައިވާ ގިނަކަންކަން ރާއްޖެއިން ތަންފީޒު ކޮށްފައިވާ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14767960754233.jpg|ސާކޯސަން އިންޓަރ ކަންޓްރީ ގްރޫޕްގެ 7 ވަނަ ކޮންފަރެންސަށް ތައްޔާރުވުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ފެށި ބައްދަލުވުންތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ މުޙައްމަދު މުސްތަފާ ވިދާޅުވި، ސާކޯސަންގައި މަޝްވަރާކޮށް ނިންމާ ނިންމުންތައް ތަންފީޒުވެފައިވާ މިންވަރު މިފަހަރުގެ ބައްދަލުވުމުގައި ބަލާ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމާއި މެދު ގޮތެއް މި ބައްދަލުވުމުގެ ތެރެއިން ނިންމަވާނެ ކަމަށެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރާ ކަންކަން ހުށައަޅާނީ އަންނަ އަހަރު ޕާކިސްތާނުގައި ބާއްވާ ސައުތު އޭޝިއަން ކޮންފަރެންސް ފޯރ ޑިކްލަރޭޝަން، ސާކޯސަންގެ ބައްދަލުވުމަށެވެ.

މި ބައްދަލުވުމުގައި ސާކޯސަން ކޮންފަރެންސްގައި ބައިވެރިވާ ޤައުމުތަކުގެ ތެރެއިން 5 ޤައުމަކުން ބައިވެރިވެއެވެ.