އައިޖީއެމްއެޗުގެ ކާޑިއޮލިޖީ ޑިޕާޓްމަންޓަށް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 50 ހާސް ބަލި މީހުން ޑޮކްޓަރަށް ދައްކާ ޚިދުމަތް ހޯދާފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އައިޖީއެމްއެޗުގައި އެންމެ ފުރަތަމަ ކާޑިއޮލޮޖީ ޑިޕާޓްމަންޓުގެ ޚިދުމަތް ފެށީ، 1 ޖުލައި 2016 ގައެވެ.
ހިތުގެ ބައްޔަކީ, އާސަންދައިގެ ދަށުން ރާއްޖޭގައި އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަމުންދާ އެއް ބައްޔެވެ. ހިތުގެ ތަފާތު އެކި މައްސަލަތަކާއި ގުޅިގެން ރާއްޖެއިން ބޭރަށް ފޮނުވުން ފިޔަވާ އިތުރު އެއްވެސް ފަރުވާއެއް މީގެ 10 އަހަރުން ކުރިން ރާއްޖޭގައި ނުދެވެއެވެ. ބޭސް ދިނުމަށްފަހު ބަލި މީހާ ސްޓޭބަލައިޒްކުރުމަށްފަހު ކުރެވޭހާވެސްކަމަކީ ރާއްޖެއިން ބޭރަށް ރިފަރކުރުމެވެ. މިކަމަށް ޙައްލެއް ގެނައުމަށް މަސައްކަތް ފެށީ، ރާއްޖޭގެ ފުރަތަމަ ހިތުގެ ޑޮކްޓަރ، ޑރ.ޢަލީ ޝަފީޤެވެ. ޑރ.ޢަލީ ޝަފީޤާއި އިންޑިއާގެ މެޑްޓްރީނާ ހޮސްޕިޓަލުގެ ޓީމަކުން ދިރާސާ ކުރުމަށްފަހު އެތައް ގޮންޖެހުމަކާއެކު ރާއްޖޭގައި ހިތުގެ ބަލީތަކަށް ފަރުވާދިނުމަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރުމަށް މަސައްކަތް ފެށިއެވެ.
މިމަސައްކަތްތަކުގެ ދަށުން ސަރުކާރުގެ އެހީތެރިކަމާއެކު 2016 ވަނަ އަހަރުގެ ޖުލައިމަހު ޚިދުމަތް ފެށި މި ސެންޓަރަކީ، އައިޖީއެމްއެޗުގެ ކުޑައިގެ ދަށުން ޚިދުމަތް ދެމުންދާ އެންމެ ކާމިޔާބު ސެންޓަރެވެ. ހިތުގެ އެކި ބަލިތަކާއި ގުޅިގެން އެސެންޓަރުގެ އޯޕީޑީއަށް މިދިޔަ 10 އަހަރުގެ ތެރޭގައި 50 ހާހަށްވުރެ ގިނަ ބަލި މީހުން ވަނީ ދައްކާފައެވެ. މިމުއްދަތުގައި އެސެންޓަރުގައި ވަނީ، 10 ހާސް ކޮރޮނަރީ އެންޖީއޯގްރާމާއި، 6،000 އަށްވުރެ ގިނަ އެންޖީއޯޕްލާސްޓީއާއި، 1،200 އަށްވުރެ ގިނަ ޕްރައިމަރީ އެންޖީއޯ ޕްލާސްޓީއާއި، 20 ހާހަށްވުރެ ގިނަ އެކޯކާޑިއޯގްރާމް ހަދާފައެވެ.
ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ނޭޝަނަލް ކާޑިއެކް ސެންޓަރު ޑރ.މުޙައްމަދު ޝަނީޒް ނަޖުމީ ވިދާޅުވީ، 10 އަހަރުގެ ތެރޭގައި ދިވެހީންގެ އިތުބާރު ހޯދާ ވަރަށް މަދު ޚިދުމަތެއް ފިޔަވާ ހިތުގެ ބަލިތަކާއި ގުޅިފައިވާ ހުރިހާ ޚިދުމަތްތަކެއް ކާޑިއެކް ސެންޓަރުން މިހާރު ދެމުންދާ ކަމަށެވެ.
"10 އަހަރު ސެންޓަރަށްވީމަ އަޅުގަނޑުމެން މެނޭޖްމަންޓުގެ އެހީއާއެކު މިނިންމީ އިތުރު ހަރުފަތަކަށް ޖެހިލަން. މިގޮތުން މީގެކުރިން ވަރަށް ބޮޑަށް ޕޭޝަންޓުންގެ ފަރުވާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވިފައި ހުރީ. މިހާރު އަޅުގަނޑުމެން މަސައްކަތް މިފެށީ ސިސްޓަމް އިތުރަށް ވަރުގަދަކުރަން. ކާޑިއޮލޮޖީ ޕިރަމިޑަށް ބަލާއިރު އަޅުގަނޑުމެން ތިބީ ލެވެލް 3 ގައި. މިހާރު ސިސްޓަމް ބިލްޑިންގއާއެކު އަޅުގަނޑުމެން މިޖެހިލަނީ ލެވެލް 4 އަށް." ޑރ.ޝަނީޒު ވިދާޅުވިއެވެ.
ހިތުގެ ބަލިތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި ނުދެވެނީ، ހަމައެކަނި ހިތުގެ ވިންދާ ގުޅިފައިވާ ފަރުވާއެވެ. އަދި ރާއްޖޭގައި މިހާރު އޮޕަން ހާޓް ސަރޖަރީ ކުރަނީ، އަމިއްލަ ހޮސްޕިޓަލެއްގައެވެ. އެހެންކަމުން އާސަންދައިގެ ދަށުން މިޚިދުމަތް ދިވެހި ރައްޔިތުންނަށް ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ދިނުމަށް މިހާރު ދަނީ، މަސައްކަތް ކުރަމުންނެވެ.
އައިޖީއެމްއެޗުގައި ކެތްލެބެއް ޤާއިމުކޮށްފައިވާއިރު، އޮޕަން ހާޓް ސަރޖަރީ ކުރުމަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށާއި، ކައިރި މުސްތަޤުބަލެއްގައި މިޚިދުމަތްވެސް އައިޖީއެމްއެޗުން ލިބެން ހުންނާނެ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ދިވެހި އެންމެ ކާޑިއޮލޮޖިސްޓަކާއެކު އެހޮސްޕިޓަލުގައި ޚިދުމަތް ފެށި ނަމަވެސް، މިއަދު ހޮސްޕިޓަލުގައި 6 ކާޑިއޮލޮޖިސްޓުން އެބަތިއްބެވިއެވެ. އަދި ކާޑިއޮލޮޖީ ސެންޓަރުގައި މަސައްކަތް ކުރަނީ، މުޅިންވެސް ދިވެހީންނެވެ.