ކްރޮއޭޝިޔާ ރޮއްވާލަުމަށްފަހު، އިތުރު ވަގުތުގެ ލަނޑުން މޮޅުވެ ރޮނާލްޑޯގެ ޕޯޗްގަލް ފީފާ ވަރލްޑްކަޕްގެ ގަދަ ސޯޅަ ޓީމްގެ ބުރުގައި ސްޕެއިންއާ ދެކޮޅަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.
ޕޯޗްގަލް ގަދަ 16 އަށް ދަތުރުކުރީ ގަދަ 32 ޓީމް ބުރުގައި ކްރޮއޭޝިޔާއާ ވާދަކުރި މެޗު 1-1 ން އެއްވަރުވެގެން ނިމެން ދަނިކޮށް، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓްގެ ތެރެއިން ތިންވަނަ މިނިޓްގައި ގޮންކާލޯ ރާމޯސް ޖެހި ލަނޑުން މޮޅުވެގެންނެވެ. ރަފައެލް ލެއާއޯ އަރިމަތިން ނެގި ހުރަސް ގޮންކާލޯ ރާމޯސް ބޮލުން ގޯލަށް ފޮނުވާލީ ގްވާޑިއޯލް އާއި ޕޮންގްރަސިޗް ކައިރީގައި ވިއްދާފައި ތިއްބާ ބޮލުން ޖަހައެވެ. އިތުރު ވަގުތު 10 މިނިޓް ދެއްކި ނަމަވެސް އޭގެ އެއްގުނަ އިތުރަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ 13 ވަނަ މިނިޓްގައި ގްވާޑިއޯލް ލަނޑެއް ޖަހާ ނަތީޖާ ހަމަހަކުރުމުން މުޅި ކްރޮއޭޝިޔާގެ ބެންޗާއި، ސަޕޯޓަރުން އުފާފާޅުކުރަމުން ދަނިކޮށް، ވީއޭއާރުން ބަލާ އޮފްސައިޑް ކަމަށް ނިންމިއެވެ. ދަނޑުގެ އަރިމަތީގައި ހުރި މޮނީޓަރުން ރެފްރީ ބެލިއިރު މެޗުގެ އިތުރު ވަގުތުގައި ކުޅެން ނިކުއިން ޑިފެންޑަރު ގްވާޑިއޯލަށް ބޯޅަ ލިބުނީ ވަރަށް ބޮޑަށް އޮފްސައިޑްގައި ހުރި އިގޯ މަޓޮނޮވިޗް ފައިގަ ޖެހިފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން 8 ވަނަ މިނިޓްގައި ފުރަތަމަ ލީޑް ނެގީ ކްރޮއޭޝިޔާއިންނެވެ. އޭރިޔާ ތެރޭގައި ހުރެ ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލްގެ ދުރުކަނަށް ޕެރިސިޗް ފޮނުވާލި ބޯޅަ ހުއްޓުވަން ކީޕަރަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ޕޯޗްގަލް އިން ނަތީޖާ ހަމަހަމަ ކުރީ ޕެނަލްޓީއަކުން ރޮނާލްޑޯއެވެ. ކޯނަރު ނެގިއިރު އޭރިޔާ ތެރެއިން ބޮލުން ޖަހަން އެރި ރެނާޓޯ ގައިގަ ހިފާ ވައްޓާލުމުން ރެފްރީ ޕެނަލްޓީ ދިނީވެސް ދަނޑުގެ އަރިމަތީގައި ހުރި މޮނީޓަރުން ބެލުމަށްފަހު އެވެ. ޕެނަލްޓީން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑަކީ ވަރލްޑްކަޕް ނޮކްއައުޓް މެޗެއްގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑެވެ. މިމުބާރާތުގައި ތިންވަނަ ލަނޑެވެ. ޕެނަލްޓީގެ ކުރިން ރޮނާލްޑޯ ޖެހި ރީތި ލަނޑެއްވެސް ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމިއެވެ. ރޮނާލްޑޯގެ ހަށިގަނޑުގެ ބައެއް އޮފްސައިޑް މަގާމްގައި އޮތްތައް ޓެކްނޮލޮޖީގެ އެހީގައި ފެނެއެވެ. ކްރޮއޭޝިޔާގެ ސްޗިޗް ޖެހި ލަނޑެއްވެސް އޮފްސައިޑް ކަމަށް ނިންމީ ކުޅުންތެރިޔާގެ ހަށިގަނޑުގެ ބައެއް އޮފްސައިޑް މަގާމްގައި އޮތުމުން، ވީއޭއާރުން ބެލުމަށްފަހު އެވެ. މެޗުގައި ކްރޮއޭޝިޔާއިން ޕޯޗްގަލް ގޯލަށް ވައްދާލި ތިން ބޯޅައެއް އޮފްސައިޑް ކަމަށް ނިންމިއެވެ.
މެޗު ފަށައިގެން 3 ވަނަ މިނިޓްގައި ފުރަތަމަ ހަމަލާ ފޮނުވާލީ ރެއާލްގެ ބުރޫނޯ ފެނާންޑޭޒް އެވެ. އެބޯޅަ މަތަކުރީ ކީޕަރު ލިވަކޮވިޗް އެޗެ. ރީބައުންސްގައި ދެވަނަ ފަހަރަށް ފޮނުވާލުމުން ޑިފެންޑަރުން ގައިގަ ޖެހިފަ ބްލޮކްވީއެވެ. މެޗުގައި ޕޯޗްގަލްގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ ރަފައެލް ލެއާއޯގެ ފަރާތުންނެވެ. އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑީގައި ޖެހިފައެވެ. ދެވަނަ ހާފްގައި ކޮވަސިޗް ފުލްފުލުގައި ފޮނުވާލި ނުރައްކާތެރި ދެބޯޅައެއްވެސް ގޯލަށް ނުވަދެ ދިޔައެވެ. ފުރަތަމަ ފޮނުވާލުމް އަރިމަތީ ދަނޑީގައި ޖެހިފަ ނިކުއިން ވަގުތު ދެވަނަ ފަހަރަށް ފޮނުވާލުމުން ކީޕަރު ޑިއޯގޯ ކޮސްޓާ އަތުން ޖައްސާ ހުރަސް ދަނޑިމަތިން ބޭރުކޮށްލިއެވެ. މެޗުގެ 81 ވަނަ މިނިޓްގައި ޕޯޗްގަލް ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ކެޕްޓަން ރޮނާލްޑޯ ބަދަލުކޮށްފައެވެ. މިއީ މުބާރާތުގައި ރޮނާލްޑޯ ބަދަލުކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ގަދަ 16 ޓީމްގެ ބުރުގައި ޕޯޗްގަލް ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ.