މެޗުގެ އިތުރު ވަގުތުގައި މާޓިލެނީ ކާމިޔާބުކުރި ލަނޑުން މޮޅުވެ، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމްގެ ބުރުން ބްރެޒިލް ޖާގަ ޔަގީންކޮށްފިއެވެ.
ބްރެޒިލް ގަދަ 16 އަށް ދަތުރުކުރީ އޭޝިޔާއިން ގަދަ 32 އަށް ދަތުރުކުރި ޖަޕާން 2-1 ން ބަލިކޮށްގެންނެވެ. މެޗު ބްރެޒިލް ކާމިޔާބުކުރީ ފުރަތަމަ ހާފްގައި ޖަޕާނުން ލަނޑު ޖަހާ ލީޑް ހޯދާފައި ވަނިކޮށް، ދެވަނަ ހާފްގައި ދެ ލަނޑު ޖަހާ ނަތީޖާ އަނބުރާލައިގެންނެވެ. މެޗުގައި ޖަޕާނަށް ލީޑް ނަގައިދިނީ ކައިޝޫ ސާނޯ އެވެ. ބްރެޒިލް ހާފްތެރެއިން މެދުރޮނގު ކައިރިން ހެދި ގޯހެއްގައި ލިބުނު ބޯޅަ ކުރިއަށް ޖައްސާލުމުން، ބޯޅައާއެކު ކުރިއަށް އަރާ އަސާނޯ ފޮނުވާލީ ކީޕަރު އެލިސަން ބެކާއަށް ފުރުސަތެއް ނުދީ ތިރިތިރިން ދުރު ކަނަށެވެ.
އެންޑްރިކްއާއެކު ދެވަނަ ހާފަށް ނިކުމެ، ހާފް ފަށައިގެން 11 ވަނަ މިނިޓްގައި ބްރެޒިލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މިޑްފީލްޑަރ ކަސެމީރޯއެވެ. ގަބްރިއެލް މަގާޅައެސް ނަގައިދިން ރީތި ހުރަސް އޭރިޔާ ތެރޭގައި ހުރެ ކަސެމީރޯ ބޮލުން ފޮނުވާލި ބޯޅަ މަތަކުރަން މެޗުގައި ގިނަ ބޯޅަތަކެއް މަތަކުރި ޖަޕާނު ކީޕަރު ޒިއޯން ސުޒުކީއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މެޗު އެއްވަރުވެ، ނަތީޖާ ނެރެން 15 މިނިޓްގެ ދެހާފް ކުޅެން ޖެހިދާނެ ކަމަށް ބެލެވިފައި ވަނިކޮށް، ބްރެޒިލްއިން މެޗު ކާމިޔާބުކުރީ ބަދަލަކަށް ނިކުއިން މާޓިނެލީ ކާމިޔާބުކުރި ލަނޑުންނެވެ. ގިމާރޭސް ދިން ރީތި ޕާސް އޭރިޔާ ތެރޭގައިހުރެ މާޓިނެލީ ފޮނުވާލިއިރު ހުރީ ވަރަށް ބޮޑަށް ދޫކޮށްލާފައެވެ. ގިމާރޭސް ފޮނުވާލި ބޯޅައެއްވެސް ކީޕަރު މަތަކުރިއެވެ.
ދެވަނަ ހާފްގައި ކަސެމީރޯ ނަތީޖާ ހަމަހަމަކޮށްދިނުމުގެ ކުރިންވެސް ބޮލުން ރަނގަޅު ބޯޅައެއް ފޮނުވާލިއެވެ. އެބޯޅަ ސަލާމަތްކުރީ ގޯލަށް ވަދެވަދެ އޮއްވާ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ. އޭގެކުރިން ކޫންޏާ ބޮލުން ފޮނުވާލި ބޯޅަވެސް ކީޕަރު މަތަކުރިއެވެ. ފުރަތަމަ ހާފްގައިވެސް ކޫންޏާ ފޮނުވާލި ބޯޅައެއް ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. އަދި ދެވަނަ ހާފްގައި ނޭމަރ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އޭގެކުރިން އެބޯޅަ އަރިމަތީ ދަނޑީގައި ޖެހުނީ ކީޕަރު އަތުން ޖެއްސުމުން ގޯލާ ސީދާ ނުވެއެވެ. ރަޔަން ބޮލުން ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒުނުވެ، އަރިމަތިން ދިޔައީ ބޭރަށެވެ.
ގަދަ 16 ޓީމްގެ ބުރުގައި ބްރެޒިލް ވާދަކުރަން ޖެހޭނީ ނޯވޭއާއި އައިވަރީ ކޯސްޓް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.