ބުރާސްފަތި ދުވަހުގެރޭ ބާއްވާ އެފްއޭއެމް އެވޯޑްސް 2026 ހަފްލާގައި، އަހަރުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށްދޭ "ޓޮޕް ސްކޯރަރ" އެވޯޑު ހާސިލްކުރާ ކުޅުންތެރިޔަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޤައުމީ ޓީމުގެ ތަރި އަލީ ފާސިރު (ސެންޓޭ) ކަން އެފްއޭއެމް އިން ރަސްމީކޮށް ހާމަކޮށްފިއެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސް ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގައި އެންމެ މުހިންމު، އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ކުޅުންތެރިޔަކީ އަލީ ފާސިރެވެ.
ފާއިތުވީ ސީޒަނުގައި ކުލަބާއި ޤައުމީ ޓީމަށް ފާސިރު ޖަހައިދިން ލަނޑުގެ އަދަދު ޖުމްލަ 22 އަށް އަރައެވެ. މީގެތެރެއިން 19 ލަނޑަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޖާޒީގައި އޭނާ ޖަހާފައިވާ ލަނޑުތަކެކެވެ. މި 19 ލަނޑުގެ ތެރެއިން 12 ލަނޑު އޭނާ ޖެހީ ދިވެހި ޕްރިމިއަރ ލީގުގައެވެ. އަދި އަނެއް ހަތް ލަނޑަކީ އެފްއޭ ކަޕުގައި ނިއުގެ ޖާޒީގައި އޭނާ ޖެހި ލަނޑުތަކެކެވެ.
ފާސިރު ވަނީ ފާއިތުވީ ސީޒަނުގައި ޤައުމީ ޖާޒީގައި ތިން ލަނޑު ޖަހާފައެވެ.
ޓޮޕް ސްކޯރަރގެ އެވޯޑު ފާސިރަށް ޔަގީންވެފައިވާއިރު އޭނާ ވަނީ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށާއި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑަށް ވެސް ނޮމިނޭޓުވެފައެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ބާއްވާ އެފްއޭއެމް އެވޯޑް ހަފްލާގައި ވަކިވަކި ކުޅުންތެރިންގެ އިތުރުން، ކޯޗުންނާއި ރެފްރީން އަދި ކުލަބުތަކަށް ވެސް އެވޯޑު ދޭނެއެވެ.
އެވޯޑު ހަފްލާގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެވޯޑުތަކަށް ބަލާލާއިރު، އެންމެ މޮޅު އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ ވެސް ހޮވާނެއެވެ،