ޚަބަރު

"ކުރިއަށް އޮތް ސްކޫލް ބަންދުގައި މޯލްޑިވިއަނުން 2000 އަށްވުރެ ގިނަ ފްލައިޓް"


  • މިދަތުރުތަކުގައި ލައްކައަކަށްވުރެ ގިނަ މީހުން އުފުލާނެ

  • މިއީ ޝެޑިއުލް ދަތުރުތަކަށް ބަލާއިރު %17 އިތުރުކުރުމެއް

ކުރިއަށް އޮތް ސްކޫލް ބަންދުގައި ޤައުމީ އެއަރލައިން މޯލްޑިވިއަނުން 2000 އަށްވުރެ ގިނަ އެތެރޭގެ ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިއީ ޝެޑިއުލްކޮށް އެ ކުންފުނިން އާންމުކޮށް ކުރާ ދަތުރުތަކާއި އަޅާބަލާއިރު %17 އިތުރުވުމެކެވެ.

ސްކޫލް ޗުއްޓީއަކީ އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ ދުވަސްވަރެކެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ސީނިއަރ މެނޭޖަރ މާކެޓިން އެންޑް ކޮމިއުނިކޭޝަން ހަސަން ޝާރިޙް އާދަމް ވިދާޅުވީ، ސްކޫލް ބަންދަށް އެ ކުންފުނިން ވަރަށް ދުރާލާ ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އަންނަ ސްކޫލް ބަންދުގައި މޯލްޑިވިއަނުން 2000 އަށްވުރެ ގިނަ ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިހާރުވެސް މި ފްލައިޓްތައް ކަސްޓަމަރުންނަށް ބުކް ކުރެވޭނެކަމަށް ޝާރިޙް ވިދާޅުވިއެވެ. މި ފްލައިޓްތަކުގައި ލައްކައަކަށްވުރެ ގިނަ ފަސިންޖަރުން އުފުލޭނެކަމަށް ޝާރިހް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އާންމު ޝެޑިއުލްގެ ތެރެއިން 1700 އަށްވުރެ ގިނަ ފްލައިޓް މިހާރު މިވަނީ މައުންޓްކުރެވިފައި. އަދި އޭގެ އިތުރަށް ޑިމާންޑަށް ބަލާފައި ފޯކާސްޓްކޮށްފައި 325 އަށްވުރެ ގިނަ އެޑިޝަނަލް ފްލައިޓްވެސް އަޅުގަނޑުމެން އަޅަން މިވަނީ ނިންމާފައި. މިއީ ޝެޑިއުލް ދަތުރުތަކަށް ބަލާއިރު %17 އިތުރުކުރުމެއް. އަޅާކޮންމެ 6 ފްލައިޓަކުން 1 ފްލައިޓްވާނީ އެޑިޝަނަލް ފްލައިޓެއްގެ ގޮތަށް. ސްކޫލް ބަންދުގައި ފޯކާސްޓަކީ 1،10،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލަން. ޝެޑިއުލް ދަތުރުތަކުގެ ތެރޭގައި 91،700 އަށްވުރެ ގިނަ ފަސިންޖަރުން އަދި 18،200 އަށްވުރެ ގިނަ ފަސިންޖަރުން އެޑިޝަނަލް ފްލައިޓްތަކުން އުފުލުމަށް މިވަނީ ތައްޔާރުވެފައި." ޝާރިޙް ވިދާޅުވިއެވެ.

ޝާރިޙް ވިދާޅުވީ، ނިމުނު އީދު ބަންދުގައިވެސް ވަރަށް ގިނަ ދަތުރުތައް އެ ކުންފުނިން ކޮށްފައިވާކަމަށެވެ. އެގޮތުން ޖުމްލަ 1200 އަށްވުރެ ގިނަ ފްލައިޓް ވަނީ އޮޕަރޭޓްކޮށްފައެވެ. އޭގެތެރޭގައި 1014 ފްލައިޓަކީ މޯލްޑިވިއަންގެ ނޯމަލް ޝެޑިއުލްގެ ގޮތުގައި ހިމެނޭ ފްލައިޓެވެ. އަދި އިތުރު 213 ދަތުރު ކޮށްފައިވެއެވެ.

އީދު ބަންދުގައި އެ ކުންފުނިން އެޅި ކޮންމެ 5 ފްލައިޓަކުން 1 ފްލައިޓަކީ އެޑިޝަނަލް ފްލައިޓެކެވެ. މިދިޔަ އީދު ބަންދުގައި އެކަނިވެސް އެ ކުންފުނިން 65،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.