ޚަބަރު

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި ވިޔަފާރީގެ ތަމްރީނުތަކެއް


  • ތަމްރީނުތައް ކުރިއަށް ގެންދަނީ ރަށު ކައުންސިލްތަކާއި ގުޅިގެން

  • ޝައުޤުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައިގެ ކުރިން އެންގުމަށް އެދިފައިވޭ

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މިސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ، ރަށު ކައުންސިލްތަކާއި ގުޅިގެންނެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީން ޕޮރޮގްރާމްތަކުގެ މަޤުސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި، މަހާއި މަހުގެ އަގުއެއްކުރި އުފެއްދުން އިތުރުކުރުމާއި، އިތުރު މާކެޓުތައް ހޯދުން ކަމަށެވެ. އަދި އައު މަސްވެރިކަން ތައާރަފްކޮށް އެކަން މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދަސްކޮށްދިނުމުގެ އިތުރުން މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކޮށް ރަށު ފެންވަރުގައި މަސްވެރި އުފެއްދުންތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ތައްޔާރު ކުރުމާއި، އައު ބާވަތްތައް ތައްޔާރު ކުރުމަށް ތަމްރީނުދީ އަހުލުވެރި ކުރުވުމަކީ މި ޕްރޮގްރާމްތަކުގެ މަޤްސަދެކެވެ.

ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުރު ތަމްރީންތައް:

  • ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަމުގެ ތަމްރީން
  • އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރު ކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިތަމްރީންތައް ހިންގުމަށް ޝައުޤުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައި 2026ގެ ކުރިން އެރަށެއްގައި ކުރިއަށް ގެންދިޔުމަށް ޝައުޤުވެރިވާ ތަމްރީނު ފާހަގަކުރައްވާ އެވުޒާރާއަށް ސިޓީ މެދުވެރިކޮށް އަންގަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނޭ ފަރާތެއްގެ މަޢުލޫމާތު ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތު ކުރުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިމަސައްކަތްތަކުގެ ދަށުން ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކުރި މަހުގެ ގޮތުގައި ބޭރު ކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މަސްވެރިކަމުގެ ދާއިރާގައާއި މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު އެކިއެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.