ޚަބަރު

އުސްގެކޮޅު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަނީ


  • އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވޭ

  • އެ ތަން މިހާރު ބަލަހައްޓަނީ ސިޓީ ކައުންސިލުން

  • އެ ބިނާ ހިމެނޭހެން އިންޓަރެކްޓިވް މިއުޒިއަމެއް އަޅަން ނިންމާފައިވޭ

ސަލްޓަން ޕާކުގައި ހުންނަ އާސާރީ ބިނާ، "އުސްގެކޮޅު" ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ އެ ބިނާއަށް، ބަޔަކު ގެއްލުންދެމުންދާކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

"ޕްރެސަރ ވިތް ދަ ސްޕޮކްސް"ގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ އުސްގެކޮޅަކީ ރާއްޖޭގެ ވިރާސީ ރަސްކަމުގެ ވަރަށް މުހިންމު ބިނާއެއްކަމަށާއި އަދި އެތަނަކީ މިހާރު ރާއްޖޭގެ ތާރީޚުގެ ވަރަށް މުހިންމު ބިނާއެކަމަށެވެ. އަދި މިފަދަ އާސާރީ ބިނާތަކަކީ ފަތުވެރިންގެ މެދުގައިވެސް މަޤުބޫލު ތަންތަނަށްވާއިރު، މިއީ އާމްދަނީއެއް ހޯދުމަށްވެސް ބޭނުންކުރެވޭނެ ތަންތަންކަމަށެވެ.

އުސްގެކޮޅު މިހާރު ބަލަހައްޓަމުންދަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އުސްގެކޮޅުގެ ރައްކާތެރިކަމާއި ގުޅޭ އަޑުތައް ގަދަވެފައި މިވަނީ، އެތަނަށް ބަޔަކު ގެއްލުންދިނުމާ ގުޅިގެންނެވެ. އެގޮތުން ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.

އުސްގެކޮޅު ހިމެހޭގޮތަށް ސަރުކާރުން ވަނީ އެ ސަރަޙައްދުގައި އިންޓަރެކްޓިވް މިއުޒިއަމްއެއް ތަރައްޤީކުރުމަށް ނިންމާފައެވެ. ތަރުޖަމާނު ވިދާޅުވީ މި މަޝްރޫޢުއަށް، އުސްގެކޮޅު ސަރުކާރުގެ ކަމާގުޅޭ ވުޒާރާއާއި ހަވާލުކުރުމަށް އެތަށް ފަހަރަކު، އެގޮތަށް ގޮތަކުން ސިޓީ ކައުންސިލަށް ހުށައަޅާފައިވާކަމަށެވެ. ނަމަވެސް މިކަމަށް އެކަށީގެންވާ އިޖާބައެއް ދީފައިނުވާކަމަށް މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

އުސްގެކޮޅަށް ގެއްލުންދިން މައްސަލައަކީ ވަރަށް ހިތާމަކުރާ މައްސަލައެއްކަމަށާއި މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް އިސް ތަރުޖަމާން ވިދާޅުވިއެވެ.

"އުސްގެކޮޅު ބަލަހައްޓާނީ ސިޓީ ކައުންސިލުން. ތަޅުދަނޑި އޮންނަނީ ކައުންސިލްގައި. އެ ޕްރޮޖެކްޓަށް ތަން ނަގަން، މަޝްވަރާ ބައްދަލުވުން ބޭއްވިން. ލިޔުމުން ހުށައެޅި އަދި ގުޅައިގެންވެސް މަޝްވަރާ ކޮށްފައިވޭ. އާންބަސްވެސްބުނި. ނަމަވެސް މިހާތަނަށް އެތަން ހަވާލެއް ނުކުރެ. ގްރެފިޓީ އެކަންޏެއް ނޫން، އެތަނުގައި މަސްތުވާތަކެތި ބޭނުންކޮށްފަ ހުރި ކަމުގެ އަސަރުވެސް ހުރި." ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ އިންޓަރެކްޓިވް މިއުޒިއަމްއަކީ ސަރުކާރުން ގެންދަން ނިންމާފައިވާ ވަރަށް މުހިންމު މަޝްރޫޢުއެއްކަމަށާއި، ރާއްޖެއިން ބޭރުން ފެންނަފަދަ، މީހުން ޝަޢުގުވެރިވަނިވި އެތައް ކަމެއް މި މިއުޒިއަމްގައި ހިމެނޭނެކަމަށެވެ.

އުސްގެކޮޅަކީ މީލާދީން 20ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) ޢިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާއެވެ. އަދި 74 އަހަރު ކުރިން އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނީވެސް މި އިމާރާތުގައެވެ.