ސިޔާސީ

ކޯޓުގެ ޙުކުމް ޤަބޫލެއް ނުކުރާނަން - މައުމޫން


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ޙަވާލުކުރެއްވުމަށް ސިވިލްކޯޓުން ކުރެއްވި ޙުކުމް ގަބޫލުފުޅު ނުކުރައްވާކަމަށް ޕީ.ޕީ.އެމްގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ، ސިވިލްކޯޓުން ނެރުއްވި އަމުރުގައި ޕީ.ޕީ.އެމްގެ ކަންކަން ވަކި ފަރާތަކާއި ހަވާލުކުރަން އަންގަވާފައި ނުވާކަމަށެވެ. އަދި ސިވިލްކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިޢުނާފް ކުރެއްވުމަށް ނިންމަވައި އެކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އިސްތިޢުނާފް ކުރައްވަނިކޮށް ޕާޓީގެ ހިންގުމުގެ އެއްވެސް ކަމަކަށް ބަދަލުނުގެންނެވޭނެކަމަށް މައުމޫން ވިދާޅުވިއެވެ. 

ޕީ.ޕީ.އެމްގެ އަސާސީ ޤަވާއިދުގެ 57 ވަނަ މާއްދާގައި ބުނާގޮތުން ޕާޓީގެ މުސްތަޝާރަކީ ޕާޓީހިންގުމުގައާއި، ސިޔާސަތު ކަނޑައެޅުމުގެ އެއްވެސް ދައުރެއް އޮތް ބޭފުޅެއް ނޫންކަމަށާއި، ސިވިލް ކޯޓުން އަމުރުނެރުނީ އެއާ ޚިލާފަށްކަމަށް މައުމޫނު ވިދާޅުވިއެވެ.