ތަރައްްޤީ

ރަންވޭގެ މަސައްކަތަށް އިތުރު 2 ޑްރެޖަރ ގެނެސްފި


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އައު ރަންވޭ ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އިތުރު 2 ޑްރެޖަރ ގެނެސްފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އަލަށް ގެނެވުނު ދެ ޑްރެޖަރާއެކު، އެއަރޕޯޓްގެ އައު ރަންވޭ ހެދުމަށް ބޭނުންވާ ބިން މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނައަހަރުގެ ކުރީކޮޅު ހިއްކާ ނިންމާލެވޭނެކަމަށެވެ. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، އެއަރޕޯޓުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ އައު ރަންވޭގެ މަސައްކަތަށް ބޭނުންވާ ދެ ޑްރެޖަރ ވަނީ ރާއްޖެ ގެނެސްފައެވެ. މި ދެ ޑްރެޖަރާއެކު ޖުމްލަ 3 ޑްރެޖަރ ބިން ހިއްކުމުގެ މަސައްކަތުގައި ދަނީ ބޭނުންކުރަމުންނެވެ. 

img:http://s2.psmnews.mv/images/660x400/14760955099431.jpg|މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ- ފޮޓޯ: ޕީއެސްއެމް

އެމް.އޭ.ސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އަލަށް ގެނެވުނު ދެ ޑްރެޖަރ އާއެކު މަސައްކަތުގެ ދުވެލި އަވަސްވެ، ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނިންމާލެވޭނެކަމަށެވެ. އެއަރ ޕޯޓްގެ އައު ރަންވޭ ހެދުމަށްޓަކައި 62 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަންވޭ ހެދުމަށް ބޭނުންވާ ބިން، މިހާރު ހުޅުމާލެއަށް ވަންނަން ބޭނުންކުރާ ނެރާ ހަމައަށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އަލަށް ހަދާ ރަންވޭގެ ދިގު މިނުގައި 3400 މީޓަރު އަދި ފުޅާ މިނުގައި، 65 މީޓަރު ހުންނާނެއެވެ. އައު ރަންވޭ ހަދާ ނިމުމުން އެންމެ ބޮޑެތި އެއަރ ކްރާފްޓްތައް ޖެއްސޭވަރުގެ ރަންވޭއަކަށް މި ރަންވޭ ވެގެން ދާނެކަމަށް އެމް.އޭ.ސީއެލް އިން މަޢުލޫމާތުދެއެވެ.

އާ ރަންވޭ ހެދުމުގެ މަޝްރޫއުގެ ދަށުން 120,000 ޓަނުގެ މުދާ ރައްކާކުރެވޭނެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.