ޚަބަރު

ކްރޮސްބޯޑަރ އިންވެސްޓްމަންޓް އެންޑް އޮފަރިންގ އާއިބެހޭ ސެމިނާއެއް


ދުނިޔޭގެ މާރކެޓްތަކުން ފައިނޭންސް ހޯދުމާ ގުޅޭގޮތުން، ކްރޮސްބޯޑަރ އިންވެސްޓްމަންޓް އެންޑް އޮފަރިންގ އާއި ބެހޭ ސެމިނާރއެއް މިއަދު ރާއްޖޭގައި ފަށައިފިއެވެ.

ކްރޮސްބޯޑަރ އިންވެސްޓްމަންޓް އެންޑް އޮފަރިންގ އާއި ބެހޭ ސެމިނާރ ކުރިއަށްގެންދާނީ 5 ދުވަހުގެ މުއްދަތަށްކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. ހޮޓެލްޖެންގައި ކުރިއަށްގެންދާ މި ސެމިނަރގައި މިރީޖަންގެ ގިނަ ޤައުމުތަކުން ބައިވެރިވެއެވެ.

މިއީ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްކަމުން މިފަދަ ސެމިނަރތައް ބޭއްވުން މުހިއްމު ކަމަށް މި ސެމިނަރއާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. އެގޮތުން އިންފްރާންސްޓްރަކްޗަރގެ ވަރަށް ބޮޑެތި މަސައްކަތްތަކެއް ފެށިފައިވުމާއެކު، ޕްރައިވެޓް ސެކްޓަރގެވެސް އަދި ވިޔަފާރިވެރިން ކުރަމުންދާ މަސައްކަތްތަކަށް ފައިނޭންސް ހޯދުމަށް މިފަދަ މަސައްކަތްތަކުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފާހާގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ފައިނޭންސް ހޯދުމަށް މާރކެޓްތަކަށް ވާސިލްވުމަށް ފަސޭޙަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގިނަ ޤައުމުތަކަކުން މި ސެމިނާގައި ބައިވެރިވާއިރު މިއީ ރާއްޖޭގެ ފައިނޭންޝިއަލް މާރކެޓް ދަސްވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓުން، ރާއްޖޭގެ ފައިނޭންޝިއަލް މާރކެޓްގައި ހުރި ޕޮޒިޓިވްސްތަކާއި އެޑްވާންޓޭޖްތައް ކިޔައިދޭން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއަރމަން އަޙްމަދު ނަސީރު ވިދާޅުވީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ސެމިނަރގައި މިއަހަރު ބޮޑަށް ފޯކަސްކޮށްފައިވަނީ ކްރޮސްބޯޑަރ އިންވެސްޓްމަންޓްތަކަށް ކަމަށެވެ.

ކްރޮސްބޯޑަރ އިންވެސްޓްމަންޓް އެންޑް އޮފަރިންގ އާއި ބެހޭ ސެމިނާރ އަކީ އޭ.ޑީ.ބީގެ އެފް.އާރ.ޓީ.އައި އާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ސެމިނަރއެކެވެ.