ތިމާވެށި

ހެނދުނު ދިރާގު މައި އޮފީހުގައި ހިނގީ ކޮންކަމެއް؟


ހެނދުނު އައި މެސެޖަކާއެކު، ދެން ދިރާގުގައި ބޭއްވީ ޕްރެސް ކޮންފަރެންސެކެވެ. އެކަމަކު ޕްރެސް ކޮންފަރެންސްގެ ބައްދަލުވުމުގެ ޚަބަރެއް ނުވަނީސް "ދިރާގު ލޮބީ ކުނިގޮނޑަކަށް" ހަދައިފި ކަމަށް ބުނެ ޚަބަރު ފެތުރެންފެށީއެވެ. ދެން ފޮޓޯތަކެއްވެސް ލިބިއްޖެއެވެ.

މިއީ މިއަދު ދިރާގުން އިސްނަގައިގެން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ގިނަދުވަހަށް ބޭނުންކުރެވޭ "ރީޔޫސަބަލް" ކޮތަޅެއް ތަޢާރަފްކުރުމަށް ހިންގި ޙަރަކާތެކެވެ.

އިޖުތިމާޢީ ޒިންމާގެ ދަށުން ދިރާގުން ހިންގާ ކެމްޕެއިންގައި އެކުންފުނިން އަލަށް ތައާރަފްކުރި ކޮތަޅު ލޯންޗްކޮށްދެވީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރ އަދި ކަޓަމަރާނެއްގައި ރާއްޖެވަށާބުރުޖެހި ޢަބްދުލް ޣަފޫރް، ގައްބެއެވެ. img:http://s2.psmnews.mv/images/660x400/14766104241712.jpg|ދިރާގުން ރީޔޫސަބަލް ކޮތަޅު ތަޢާރަފްކުރުން - ފޮޓޯ: ޕީއެސްއެމް

މިއަދު ހެދުނުގެ ދިރާގުގެ މައި އޮފީސް ހުޅުވި އިރު މުޅި އެތަންވަނީ ޕްލާސްޓިކް ކޮތަޅުތައް އަޅާ ފުރާފައި. މުޅިތަން ގިނަ ބަޔަކަށް ސިފަ ވީ ކުނި ގޮނޑެއްހެނެވެ. މިއީ ދިރާގުން ޕްލާސްޓިކް ކޮތަޅުން ލިބޭ ގެއްލުންތަކަށް މީހުން ހޭލުންތެރިކުރުވާ ގިނަ ދުވަހަށް ބޭނުންކުރޭ ކޮތަޅެއް ތައާރަފްކުރުމަށް ހިންގި ކެމްޕެއިނެއްގެ ފެށުމެވެ. އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށްޓަކައި ދިރާގާއި ބައިނަލް އަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ އިންޓަރނޭޝަނަލާއި ބީމް ގުޅިގެން މިއަދު ވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ކެމްޕެއިންނެއް ފަށާފައެވެ. މި ކެމްޕެއިން އިފްތިތާހު ކުރުމަށް މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މާރކެޓިންގ ކޮމިއުނިކޭޝަން އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރ، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ، މީ ޕްލާސްޓިކް ކޮތަޅުން ރާޢްޖޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް މަދުކުރުމުގެ ގޮތުން ފެއްޓެވި ކެމްޕެއިނެއް ކަމަށެވެ. އަދި އުކާލެވޭ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުންކުރުމަށް މިއަދު ތައާރަފްކުރި ކޮތަޅަކީ އެތައް ޒަމާނެއް ވަންދެން ބޭނުންކުރެވޭނެ ކޮތަޅެއް ކަމަށެވެ. އަދި މި ކޮތަޅަކީ ދުނިޔޭގެ ގިނަ ޤައުމަތަކުގައިވެސް ބޭނުންކުރަމުން އަންނަ ކޮތަޅެއްކަން އެނާ ފާހަގަކުރެއްވިއެވެ.

އާއްމުގޮތެއްގައި އާދައިގެ ޕްލާސްޓިކް ކޮތަޅެއް ބޭނުންކުރާނީ 5 މިނިޓާއި 10 މިނިޓުގެ މަދު ވަގުތުކޮޅަކަށެވެ. އެއަށްފަހު އެ ކޮތަޅު އެއްލާލަނީއެވެ. މިދިޔަ އަހަރު އެކަނިވެސް 30 މިލިއަނަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެ ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ބޭނުންކުރުމަށް ފަހު އުކާލާ މިފަދަ ކޮތަޅުތަކުން ރާއްޖޭގެ ތިމާވެއްޓަށް ގިނަ ގެއްލުންތަކެއް ލިބެމުންދެއެވެ. މިގޮތުން ރާއްޖޭގެ ފަރުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. މީގެއިތުރުން މޫދަށް އުކާލާ ޕްލާސްޓިކް ކޮތަޅުތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް 100 ހާހަށްވުރެ ގިނަ މަސްމަހާއި މެހި މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.