ކުޅިވަރު

ސުލްހައިގެ އެއްބަސްވުމުން އިރާނުގެ ތަކުލީފުތަކަށް ލުއިތަކެއް ލިބިދާނެ: ފީފާ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ އިރާނުގެ ފުޓްބޯޅަ ޓީމެވެ. އެ މީހުން ކޭމްޕް ކޮށްގެން ތިބެނީ މެކްސިކޯގަ އެވެ. މެޗުތައް ކުޅެން އެމެރިކާ އަށް 24 ގަޑިއިރަށްވާ ފަހުން އާދެވެ އެވެ. އެކަމަކު މެޗު ނިމޭތާ ގަޑިއެއްގެއިރު ތެރޭގައި އެ ގައުމުން ބޭރުން ވާން ޖެހެ އެވެ.

މިއީ އިރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމަ އާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ކޮށްފައިވާ ކަމެކެވެ. އިރާނުން މިހާރު ވަނީ ސިޔާސީ ގޮތުން އަޅާފައިވާ މިފަދަ ފިޔަވަޅުތައް ފުޓްބޯޅަ މުބާރާތެއްގެ އިންތިޒާމްތަކާ ފުށުއަރާތީވެ ފީފާގައި މައްސަލަ ޖައްސާފަ އެވެ. ނަމަވެސް މިކަމުގައި ފީފާ އަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އިރާނުގެ ކުރިމަތީގައި ފީފާ ތިބެން ޖެހިފައިވަނީ ހިމޭނުންނެވެ.

ފީފާގެ އޮފިޝަލުން ބުނަނީ އިރާނާއި އެމެރިކާއިން މިހާރު އެކުލަވާލާފައިވާ ސުލްހައިގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފިނަމަ އިރާން ޓީމަށް ލުއިތަކެއް ލިބުން އެކަށީގެންވާ ކަމަށެވެ.

"އޭރުން މިހާރު ދިމާވެފައިވާ މައްސަލަތަކެއް ހައްލެއް ލިބާދެނެ ކަމަށް އުއްމީދު ކުރެވޭ. ފީފާ އަށް ގައުމެއްގެ އަމިއްލަ ކަންކަމާ ނުވަތަ އިމިގްރޭޝަން ޕޮލިސީތައް ބަދަލު ނުކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އިރާން ޓީމުން ބުނާ ގޮތުގައި އެމެރިކާގައި ތިބެވޭގޮތް ނުވުމުން އެންމެ ބޮޑަށް ދަތިވާ އެއް ކަމަކީ ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭ ވަގުތު މަދުވުމެވެ. އަދި ކޮންމެ މެޗަށް ދިގު ދަތުރެއް ކުރަން ޖެހުމާއި ޓީމުގެ މުހިންމު ބައެއް މެމްބަރުންނަށް އެމެރިކާ އަށް އެތެރެވެވޭ ގޮތް ނުވުމަކީ ވެސް މެޗުތަކުގެ އިންތިޒާމްތަކަށް ދަތިވާ ކަމެކެވެ.

"އިރާނުގެ މައްސަލަ ފީފާ އަށް ލިބިފައި ވިޔަސް މިކަމުގައި ކުރެވޭނެ ނުވަތަ އެޅޭނެ ފިޔަވަޅެއް މިވަގުތަކު ނެތް. މިއީ ދެ ގައުމުގެ ސަރުކާރުގެ މެދުގައި އޮތް މައްސަލައެއް،" ފީފާގެ އޮފިޝަލް ވިދާޅުވި އެވެ.