ޚަބަރު

ޓިއުނީޝިއާ ކޮޅަށް ސްވިޑެން 5 ލަނޑު ޖަހައިފި


ފީފާ ވޯލްޑް ކަޕް 2026ގެ ގްރޫޕް އެފްގައި ޓިއުނީޝިއާ އާއި ސްވިޑެން ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ސްވިޑެންއިން ކާމިޔާބުކޮށްފިއެވެ.

މެކްސިކޯގެ މޮންޓްރޭގައި ކުޅެވުނު މިމެޗު ސްވިޑެންއިން ކާމިޔާބުކުރީ 5-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސްވިޑެންއަށް ލީޑު ނަގައިދިނީ ޓިއުނީޝިއާ އަށް ނިސްބަތްވާ ސްވިޑެންގެ ޒުވާން މިޑްފިލްޑަރ ޔާސިން އަޔާރީއެވެ. މައިންބައިންގެ ޤައުމާ ދެކޮޅަށް ލަނޑުޖެހުމަށްފަހު އަޔާރީ ވަނީ އުފާފާޅުކުރަން ދެކޮޅުހަދާފައެވެ.

ސްވިޑެންގެ ދެވަނަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕްރިމިއަރ ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިއާ އެލްކްސަންޑަރ އިސާކްއެވެ. ޔޮކަރޭސްގެ އެސިސްޓަކުން އިސާކް ކާމިޔާބުކުރި މި ލަނޑަކީ އޭނާ ޤައުމީ ޓީމަށް ޖަހައިދިން 17 ވަނަ ލަނޑެވެ.

ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ޓިއުނީޝިއާއިން ވަނީ ލަނޑެއް ޖަހާ ސްވިޑެންގެ ލީޑު ކުޑަކޮށްފައެވެ. މި ލަނޑު ޓިއުނީޝިއާއަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ އޮމަރު ރެކިކްއެވެ.

މެޗުގައި ސްވިޑެންގެ 3ވަނ ލަނޑު ޖަހައިދިނީ އާސެނަލް އާއެކު ނިމިދިޔަ ޕްރިމިއަރ ލީގު ކާމިޔާބުކުރި ފޯވާޑް ވިކްޓަރ ޔޮކަރޭޒްއެވެ. އިސާކްގެ އެސިސްޓަކުން ޔޮކެރޭޒް ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 20 ލަނޑު ޖަހައިދީފައެވެ.

ސްވިޑެންފެ 4 ވަނަ ލަނޑު މަތިއަސް ސްވެންބާގް ކާމިޔާބުކޮށްދިނީ ބެންޗުން ކުޅެން ނިކުތްތާ 20 ސިކުންތުގެ ތެރޭގައެވެ. މިއީ ރަނގަޅު ލަނޑެއް ކަމަށް ނިންމަންޖެހުނީ މެޗު ކުޅޭ ބޯޅައިގައި ހަރުކޮށްފައިވާ ސެންސަރުން ބޯޅައިގައި ޖެހޭ އަޑު ދެނެގަނެގެންނެވެ. ފުރަތަމަ އޯފްސައިޑަށް ދެއްކިނަމަވެސް އިސާކް ބޯޅައިގައި ޖައްސާކަން ޔަގީންކުރީ ބޯޅައިގައި ޖެހޭ އަޑުންނެވެ.

މެޗުގައި ސްވިޑެންގެ 5 ވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އުމުރުން 22 އަހަރުގެ ޔާސިން އަޔާރީއެވެ.

މިމޮޅާއެކު ސްވިޑެން ވަނީ ގްރޫޕް އެފްގެ 1ވަނައަށް އަރާފައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ނެދަލޭންޑްސް އާއި ޖަޕާންއެވެ.