ޚަބަރު

''ކުރި'' އާއި ''ދަންދާނަ'' ޚިދުމަތް ތަޢާރަފްކޮށްފި


ޤައުމީ ފެންވަރުގައި ކާރިސާތަކާއި ގުޅުންހުރި ކަންތައްތައް ހިންގުމާއި ވިލަރެސްކުރާ މައި އިދާރާއަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރެވެ. މިގޮތުން ކާރިސާތަކާއި ގުޅުންހުރި ކަންތައްތައް ރާވާ ހިންގާނެ އުޞޫލުތަކާއި މިންގަނޑުތަކާއި ނިޒާމްތައް އެކުލަވާލެއްވުމުގެ މަސައްކަތްތައް ވޭތުވެދިޔަ އަހަރުތަކުގައި އެސެންޓަރުން ވަނީ ކުރައްވާފައެވެ.

ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއަދު އިފްތިތާޙުކުރި ދެ ވަޞީލަތަކުގެ ތެރެއިން ''ދަންދާނަ'' ޚިދުމަތް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

ދަންދާނަ ޚިދުމަތަކީ، ކާރިސާއެއް ދިމާވުމުގެ ކުރިން ދުރާލާއިންޒާރުގެ މެސެޖް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމްކުރައްވާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތް މެދުވެރިކޮށް، ވަރލްޑް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ޤަބޫލުކުރާ ކޮމަން އެލަރޓިން ޕްރޮޓޮކޯލް (ކެޕް) މެސެޖް ބޭނުންކޮށްގެން ތަފާތު މުވާޞަލާތީ ވަޞީލަތްތަކަށް އެއްފަހަރާ އެލަރޓް މެސެޖް ފޮނުވޭނެއެވެ. މި ޚިދުމަތް މެދުވެރިކޮށް އެއްފަހަރާ އީމެއިލް، އެސްއެމްއެސް، އަދި އިންޓަރނެޓް އެލަރޓް މެސެޖުތައް ފޮނުވެނޭއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން ވިދާޅުވީ، ދަންދާނަ ޚިދުމަތް ފަށްޓަވާއިރު 500 ފޯކަލް ޕޮއިންޓަކަށް މި އެލަރޓް މެސުޖް ފޮނުވޭނެ ކަމަށާއި، މީގެ ތެރޭގައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި، ލޯކަލް ކައުންސިލްތަކާއި، މީޑިއާ ހިމެނެނޭ ކަމަށެވެ.

އެ ސެންޓަރުން އިފްތިތާޙުކުރެއްވި ދެވަނަ ޚިދުމަތަކީ، ޑިޒާސްޓަރ މެނޭޖްމަންޓު ރިސޯސް ފައިލް ''ކުރި''. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ޔޫއެން ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާއެވެ.

''ކުރި'' މިނަމުގައި އިފްތިތާޙުކުރެއްވި ޑިޒާސްޓަރ މެނޭޖްމަންޓް ފައިލުގައި، އިމަަރޖެންސީ ނަމްބަރުތަކާއި، ކާރިސާގެ ކަންކަން ރިޕޯޓުކުރާނެ ފޯމުތަކާއި، އަދި އެހީ ފޯރުކޮށްދޭނެ މިންގަނޑުތައް ހިމަނާފައިވެއެވެ. ކާރިސާއަކާ ގުޅިގެން ޢަމަލުކުރާނެ އުޞޫލުތަކާއި ނިޒާމްތައް ތަންފީޒުކުރުމަށް ބޭނުންވާ ފޯމްތަކާއި ރިޕޯޓިން ފޯމެޓް އަދި އިޖުރާޢަތްތައްވެސް މިފައިލުގައި ވަނީ ހިމަނުއްވާފައެވެ. މިފައިލް ކުރިއަަށް އޮތް މަހުގެ ތެރޭގައި ހުރިހާ ލޯކަލް ކައުންސިލްތަކަށް ފޮނުވޭނެ ކަމަށް އެން.ޑީ.އެމް.ސީން ވިދާޅުވެއެވެ.

ވަޞީލަތްތައް އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރއާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ދިމާވާ އެކި ކާރިސާތަކުގައި ފަރުދީ ގޮތުން ތިމާއަށް ކުރެވިދާނެ ކަންތައްތަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެއްކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، ކާރިސާތަކާ ގުޅިގެން ޢާންމުން މިހާރަށްވުރެ ބޮޑަށް ޙޭލުންތެރިކޮށް، މުއައްސަސާތަކުން ޤައުމީ ފެންވަރެއްގައި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެން ރެޒިޑެންޓް ކޯޓިނޭޓަރ ޝޯކޯ ނޯޑާ ދެއްކެވި ވާހަކައިގައި، ރާއްޖެ ފަދަ ވަޞީލަތްތައް މަދު ޤައުމަކަށް ދިމާާވާ ކާރިސާތަކުގައި ޢަމަލުކުރާނެ މިފަދަ ވަޞީލަތެއްގެ ބޭނުންކުރެވޭ ގޮތް ވެގެންދިއުމަކީ މިދާއިރާއިން ރާއްޖެ ކުރާ މަސައްކަތަަށް ލިބުނު ކުރިއެރުމެެއް ކަމަށެވެ.

މިރަސްމިއްޔާތުގައި ވަނީ ޔޫއެންޑީޕީ އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު ގުޅިގެން ތައްޔާރުކުރި ސެންޑާއި ފްރޭމް ވަރކާއި ގުޅޭ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.