ނެދަލޭންޑްސްގެ ޑިފެންޑަރު ޖޫރިއަން ޓިމްބާ އަށް ވޯލްޑް ކަޕުގައި ނުކުޅެވޭތީވެ ޓީމުން އުނިކޮށްފި އެވެ.
އާސެނަލްގެ ޑިފެންޑަރު އެންމެ ފަހުން ކުޅުނު މެޗަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ.
ހޯމަ ދުވަހު އުޒުބަކިސްތާން އަތުން ނެދަލޭންޑްސް މޮޅުވި މެޗަށް ފަހު ޓިމްބާ މިހާރު ވަނީ ޓީމާ ވަކިވެފަ އެވެ.
"24 އަހަރުގެ ޑިފެންޑަރުގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާ ރަނގަޅުވަމުން ނުދޭ. މިހެންވެ މެޑިކަލް ޓީމުގެ ލަފާގެ މަތިން އެންމެ ރަނގަޅު ގޮތެއް ކަމުގައި ނިންމީ އޭނާ ލައްވައި ނުކުޅުވަން. އަދި އޭނާއާ ވެސް މަޝްވަރާ ކުރުމަށް ފަހު ނިންމީ މި މެޗަށް ފަހު ގައުމީ ޓީމު ކޭމްޕް ދޫކޮށް އޭނާ ދާން،" ނެދަލޭންޑްސް ޓީމުން ބުންޏެވެ.
އޭނާގެ ބަދަލުގައި ޓީމުގައި ހިމަނަން ނިންމާފައިވަނީ ސަންޑަލޭންޑްގެ ޑިފެންޑަރު ލަކްޝެރޯލް ގޯޓުއައިޑާ އެވެ.
"ޖޫރިއަންއާއެކު އަހަރުމެން ސްކޮޑުގައި ތިބީ އަށް ޑިފެންޑަރުން. އޭނާ ނެތި ހަތެއްވީމާ އެވަރު މަދުކަމަށް އަހަރުމެން ނިންމީ. މިހެންވެ އޭނާ ޓީމުން އުނިކޮށް އާ ކުޅުންތެރިއަކު ގެންނަން ޖެހުނީ. މި ނިންމުން ނިންމަން ޖެހިދާނެ ކަމަށް އަހަރުމެން މިދިޔައީ މިދިޔަ ހަފުތާއެއްހާ ދުވަހު މަޝްވަރާ ކުރަމުން،" ކޯޗު ރޮނަލްޑޯ ކޫމަން ބުންޏެވެ.
އޭނާ އަދި ބުނީ ޓިމްބާ އަކީ ނެލަދޭންޑްސް ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އޭނާ އަށް ލިބުނު އަނިޔާ އަކީ ކުލަބު ގޯސް ކުރަން ލިބޭނ ފުރުސަތެއް ނޫން ކަމަށެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނެދަލޭންޑްސް ހިމެނެނީ ޖަޕާނާއި ސްވިޑްން އާއި ޓިއުނީޝިއާއާއެކު ގްރޫޕް އެފްގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނެދަލޭންޑްސް ކުޅޭނީ ޖޫން 14 ވަނަ ދުވަހު ޖަޕާނާ ދެކޮޅަށެވެ.