އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވާނީ ދަތި އުނދަގޫ މުބާރާތަކަށެވެ. ތަފާތު ސަބަބުތަކާހެދި އެވެ. ތިން ގައުމަކުން މުބާރާތް ބޭއްވި ނަމަވެސް ވޯލްޑް ކަޕަކީ އެމެރިކާގެ އިވެންޓެއް ކަމަށް މާނަކުރެވިދާނެ ހުރިހާ އަލާމާތްތަކެއް ވަނީ ފެނިގެންގޮސްފަ އެވެ. އެމެރިކާ އާއި ދުނިޔޭގެ ގިނަ ގައުމުތަކުގެ ގުޅުން ގޯސްވުމާއި އެ ގައުމުގެ އެތެރޭގެ އަގުތައް އަތްނުފޯރާ ފަށަށް އުފުލިފައިވުމުން މިއީ އެވެރިންގެ މުބާރާތެއް ކަމަށް ދެކޭ މީހުން ވަނީ އިންތިހާ އަށް ގިނަވެފަ އެވެ.
ގިނަ ގައުމުތަކަށް އެންމެ ބޮޑު މައްސަލައަކީ މެޗުތައް ކުޅޭ ވަގުތެވެ. މީގެ ސަބަބުން މެޗުތައް ވަގުތުން ދުރަށް ދައްކަން ބޭނުންވާ ފައިސާ ހޯދުމަށް ސްޕޮންސަރުން ހޯދުމަށް ވެސް ވަނީ ދަތިވެފަ އެވެ. އިންޑިޔާ އާއި ޗައިނާ އާއި އޭޝިޔާގެ ގިނަ ގައުމުތަކުގެ ބްރޯޑްކާސްޓަރުން މުބާރާތް ބޮޑު އަގުގައި ގަންނަން ބޭނުންނުވީ ވެސް މިހެންވެ އެވެ. ދުނިޔޭގެ ގިނަ ބަޔަކު މުބާރާތް ނުބަލާނެ ކަމަށް ބަލާފައި ފީފާއަށް ޖެހުނީ އެންމެ ފަހުން އަށް 10 ގުނަ ކުޑަކޮށް ރައިޓްސް ވިއްކާލާށެވެ.
ނަމަވެސް ދުނިޔޭގެ ތަށްޓަށް ކުޅެން މިހާތަނަށް ބާއްވާ އެންމެ ބޮޑު މުބާރާތުން ދުނިޔެ އާއި އެމެރިކާ އަށް ހުރި ފައިދާތައް ވެސް މަދެއް ނޫނެވެ. އެމެރިކާގެ އެތެރޭގެ ހިދުމަތްތަކުގެ އަގުތައް އިންތިހާ އަށް މަތިވި ނަމަވެސް ފީފާ އާއި ދުނިޔޭގެ ވިޔަފާރިއާ ބެހޭ މައިކަޒުން އަންދާޒާ ކުރަނީ 6.5 މިލިއަން މީހުން މުބާރާތް ބާއްވާ ތިން ގައުމަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި މިއެންމެންނާއެކު 13.9 ބިލިއަން ޑޮލަރު މުބާރާތަށް އާއްމުން ހޭދަ ކުރާނެ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ބާޒާރުތަކުގައި 80 ބިލިއަން ޑޮލަރު ދައުރުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. މީގެ ސަބަބުން ދުނިޔޭގެ އެތަންމިތަނުގައި 824000 ވަޒީފާ އުފެދޭނެ ކަމަށް ވެސް މި ދެ ޖަމާއަތުން ވަނީ ލަފާކުރެ އެވެ.
ވޯލްޑް ކަޕުން އެންމެ ބޮޑު ނަފާއެއް ލިބޭނީ މުބާރާތް ބާއްވާ ތިން ގައުމަށެވެ. ހާއްސަކޮށް މެޗުތައް ކުޅޭ 11 ސިޓީ އަށެވެ. މި ގޮތުން ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މުބާރާތުން އެކަނި ވެސް އެމެރިކާގައި 185000 ވަޒީފާ އުފެދޭނެ އެވެ. އެމެރިކާގެ އިގްތިސާދަށް 17.2 ބިލިއަން ޑޮލަރު ވަންނާނެ އެވެ. ސީދާ އަދި ނުސީދާކޮށް ޓެކްސްގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ވެސް ލިބޭނެ އެވެ.
އޮކްސްފޯޑް އިކޮނޮމިކްސްއިން ބުނާ ގޮތުގައި މި މުބާރާތަށް އެމެރިކާ އަށް އެކަނި ވެސް 1.24 މިލިއަން މީހުން ޒިޔާރަތް ކުރާނެ އެވެ. މީގެ ތެރެއިން 60 ޕަސެންޓް މީހުންވާނީ މުޅިން އަލަށް އެ ގައުމަށް ޒިޔާރަތް ކުރާނެ މީހުންނަށެވެ. އެމެރިކާގެ ސިޓީތަކުގެ ތެރެއިން ލޮސް އެންޖަލެސް ގައި އަށް މެޗު ބާއްވާއިރު އެ ސިޓީ އަށް އެކަނި ވެސް 594 މިލިއަން ޑޮލަރު ވަންނާނެ އެވެ. މިއީ 2022ގެ ސުޕަބޯލް މުބާރާތަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އާމްދަނީއެކެވެ. އެމެރިކާ އަށް ދާ މީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް ދުވާލަކު 416 ޑޮލަރު ހަރަދު ކުރާނެ ކަމަށް ވެސް އޮކްސްފޯޑުން ލަފާކުރެ އެވެ.
މި ލަފާކުރުންތަކުގައި ބުނެފައިވަނީ މުބާރާތް ބަލަން ދާ މީހުން ގާތްގަނޑަކަށް 12 ދުވަހު އެމެރިކާގައި މަޑުކޮށް، މަދުވެގެން ދެ މެޗު ބަލާނެ ކަމަށެވެ.
ވޯލްޑް ކަޕުގައި އެމެރިކާ އަށް މިހާވަރަށް އާމްދަނީ ލިބޭނެ ކަމަށްވާއިރު ސަޕޯޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މެޗު ޓިކެޓް އަގުބޮޑުވުމެވެ. ގްރޫޕް ސްޓޭޖް ޓިކެޓެއްގެ އަގު މިހާރު ވަނީ 700 ޑޮލަރަށްވުރެ މަތީގަ އެވެ. ބައެއް ޓިކެޓްތަކުގެ ހާއްސަކޮށް ކެޓަގަރީ އެކެއްގެ ޓިކެޓްގެ އަގު މިހާރު ވަނީ 1000 ޑޮލަރު ފަހަނައަޅައި ގޮސްފަ އެވެ.