ޚަބަރު

ދ.މީދޫ ކައުންސިލް ވޯޓު: ވޯޓާސް ލިސްޓަށް ޝަކުވާއަށް ހުޅުވާލައިފި


  • ޝަކުވާ ހުށެހެޅުން މިއަދު 4:00 ގައި ބަންދުވާނެ

  • މި އިންތިޚާބަށް 3 ވޯޓު ފޮށްޓެއް ބަހައްޓާނެ

ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރު ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ އިތުރުބުރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުންވަނީ މި އިންތިޚާބުގެ ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށް ހުޅުވާލާފައެވެ.

މި އިންތިޚާބުގައި ވޯޓުލުގެ ހައްޤު ޖުމްލަ 1049 މީހަކަށް ލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ލިސްޓުން ދައްކައެވެ. އަދި އިންތިޚާބަށް ދ. މީދޫގައި ދެ ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު މާލޭގައި އެއް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ވޯޓުގައި ރަޖިސްޓަރީ ވެފައިވާނީ މާލެއަށެވެ. އަދި ރިސޯޓެއްގައި، ޖަލުގައި ނުވަތަ ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ، އެމީހެއްގެ ދާއިމީ އެޑްރެހުގައި ކަމަށް އިލެކްޝަންއިން ވިދާޅުވިއެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރެއް ނެގުމަށް ނިންމާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ. މިކަމާއި ގުޅިގެން މިމަހުގެ 13 ވަނަ ދުވަހު މި އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.