ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: މިހާތަނަށް 530 މީހުން ވޯޓުލައިފި


  • ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 12.86 އިންސައްތަ މީހުން ވަނީ ވޯޓުލާފައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މިހާތަނަށް 530 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިންތިޚާބުގައި ޖުމްލަ ވޯޓުލުމުގެ ހައްޤު 4121 މީހަކަށް ލިބެއެވެ. މީގެ ތެރެއިން 10:00 ޖެހުމާ ހަމައަށް ޖުމްލަ 530 މީހުން ވަނީ ވޯޓުލާފައެެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 12.86 އިންސައްތައެވެ. ވޯޓުލާފައިވަނީ 288 ފިރިހެނުންނާއި 242 އަންހެނުން ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.

މިއިންތިޚާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.

ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން ބަންދުވާނީ ހަވީރު 4:00 ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.