ޚަބަރު

ފްރީސްޓައިލް ހީޓްގެ ވަނަތައް ބ.ގޮއިދުއަށް


  • ޗެންޕިއަންކަން ހޯދީ މާހިރު، ދެވަނަ ރާއިފް ހޯދިއިރު، ތިންވަނައަކީ މަމްނޫން

  • ޓްވިން ޓިޕް ސްލާލޮމް ރޭސިންގ އެއްވަނަ ހޯދީ ތައިލޭންޑްގެ ނަރަޕިޗިޓް

އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ރާރާ ޕްރޯ 2026" ގެ ފްރީސްޓައިލް ހީޓްގެ ވަނަތައް ބ. ގޮއިދޫއަށް ނިސްބަތްވާ ކައިޓް ސާފަރުން ހޯދައިފިއެވެ.

އެގޮތުން ހީޓްގެ ޗެންޕިއަންކަން ރާއްޖޭގެ އެއްވަނަ ކައިޓް ސާފަރު ހަސަން މާހިރު ހޯދިއިރު، ދެވަނަ ހޯދީ ކުރިއަރަމުން އަންނަ އުއްމީދީ ކައިޓް ސާފަރު މުހަންމަދު ރާއިފްއެވެ. އަދި މި ހީޓްގެ ތިންވަނަ ހޯދާފައިވަނީ މަމްނޫން ނިޔާޒްއެވެ.

"ކައިޓް ސާފިން އެކްސްޓްރާވެގެންޒާ ރާރާ ޕްރޯ 2026" ގެ ޓްވިން ޓިޕް ސްލާލޮމް ރޭސިންގ އިވެންޓްވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އެ އިވެންޓްގެ ޗެންޕިއަންކަން ހޯދީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ކައިޓް ސާފަރުކަމަށްވާ ތައިލޭންޑުގެ ނަރަޕިޗިޓް ޕުޑްލާ (ޔޯ) އެވެ.

އަދި މި އިވެންޓުން ދެވަނަ ހޯދާފައިވަނީ "ރާރާ ޕްރޯ 2025" އެއްވަނަ ކައިޓްބޯޑަރު އަދި ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކައިޓްސާފަރު ކަމަށްވާ ހަސަން މާހިރުއެވެ.

މި އިވެންޓްގެ ތިންވަނަ ކަށަވަރުކުރީ "ރާރާ ޕްރޯ 2026"ގެ އެމްބެސެޑަރުކަމަށްވާ ވިސާމް މުހައްމަދުއެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކައިޓް ބޯޑިން އިތުރަށް ފުޅާކޮށް، މޫދު ކުޅިވަރާއި ފަތުރުވެރިކަން ގުޅުވާލުންކަމަށް އައިކޯނިކް އިވެންޓްސްއިން ބުނެފައިވާއިރު، މިކުޅިވަރު އިތުރަށް ފުޅާކުރެވޭނެ ގޮތްތައް ދެނެގަނެ މިކަމުގެ ތެރެއަށް އައު އެތުލީޓުން ވެއްދުމަކީވެސް މިފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމު މަގްސަދެއްކަމަށް އައިކޯނިކް އިވެންޓްސްއިންވަނީ މައުލޫމާތުދީފައެވެ.