އަންނަ ހުކުރު ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ފެށުމުގެ ރަސްމިއްޔާތަށް ބަދަލު ގެންނަން ފީފާއިން ނިންމައިފި އެވެ.
އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ މުބާރާތުގެ މެޗުތަކުގެ ގައުމީ ސަލާމް ކިޔަން ނިންމާފައިވަނީ ދަނޑު މެދުގައި ރެފްރީންނާއެކު ވަށްބުރު ވަށައި ތިބެ އެވެ. ކުރިއާ ހިލާފަށް މި ފަހަރުގެ ގައުމީ ސަލާމް ކިޔަން ބަދަލު ކުޅުންތެރިން ވެސް ދަނޑަށް އަރާނެ އެވެ.
އަދި ދެ ޓީމުގެ ކުޅުންތެރިން ކުޑަކުދިންގެ އަތުގައި ހިފައިގެން ދަނޑަށް އަރާނީ ޗޭންޖިން ރޫމާ އެންމެ ގާތުގައިވާ ފަރާތުގައި ދަނޑު މެދުގައި ބަހައްޓާ ހާއްސަ ގޭޓުންނެވެ. މީގެ އިތުރުން ދަނޑުގެ ހުރަހަށް ގޯލް ކުރިމަތީގައި ދެ ގައުމުގެ ގައުމީ ދިދަ ބާއްވާނެ އެވެ. މި ދިދައިގެ ބޮޑުމިން ޕެނަލްޓީ އޭރިޔާ އަށްވުރެ ބޮޑު ވާނެ އެވެ. މީގެ އިތުރުން ގޯލް ކުރިމަތީގައި ބަހައްޓާފައިވާ ފޮގް މެޝިންތަކުން އެ ގައުމެއްގެ ގައުމީ ކުލަތައް ވެސް ޖައްވުގެ ތެރެ އަށް މެޗު ފެށުމުގެ ކުރިން ދޫކޮށްލާނެ އެވެ.
ފީފާއިން ބުނީ މި ބަދަލުތައް ގެނައީ ކުރިއަށްވުރެ ބޮޑަށް ކުޅުންތެރިން ދަނޑަށް އެރުން ހާއްސަ ކުރުމަށާއި ސަޕޯޓަރުންނަށް ކުޅުންތެރިން ފެންނާނެ ގޮތް ހެދުމަށް ކަމަށެވެ. އަދި މީގެ ސަބަބުން ކުރިއަށްވުރެ ގައުމީ ވަންތަކަމާއި ޖަރުބާތާއި އެކުވެރިކަން ވެސް ބޮޑުވެގެންދާނެ ކަމަށެވެ.
ކުރިން އޮންނަ ގޮތުން ގައުމީ ސަލާމް ކިޔަން ދަނޑަށް އަރާނީ މެޗު ކުޅޭ ފުރަތަމަ 11 ކުޅުންތެރިންނެވެ. އަދި އެތުރިގެން ތިބޭނީ ދަނޑު މެދަށްވާ ގޮތަށް އަރިމަތީ ރޮނގާ ކައިރީގަ އެވެ. މިކަމަށް ފީފާއިން ބަދަލު ގެނައީ އެމެރިކާގެ އެކިއެކި ކުޅިވަރުތަކުގައި ކަންކަން ކުރާ ގޮތް ބެލުމަށްފަހު ކަމަށް ފާޑުކިއުންތެރިން ބުނެ އެވެ.