ޚަބަރު

ހަނގުރާމައާހެދި އެތައް މިލިޔަން މީހުންނަށް ހައިހޫނުކަމުގެ ނުރައްކާ


މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ތެލުގެ ތާށިކަމާއި ތަކެތީގެ އަގުތައް އިންތިހާއަށް މަތިވުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މީހުން ހައިހޫނުކަމުގެ ނުރައްކައްލަށް ވެއްޓިފައިވާ ކަމަށް އދގެ ކާބޯތަކެއްޗާބެހޭ އިދާރާ، ޑަބްލިޔުއެފްޕީން ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ މިހާރު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ.

ހަނގުރާމައިގެ ސަބަބުން ތެލާއި މުދާ އުފުލުމުގެ ވިއުގަތަކަށް ބުރޫ އަރައި، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭސް އަދި އަސާސީ މުދަލުގެ އަގުތައް ވެސް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި، ޑަބްލިޔުއެފްޕީން ވަނީ، ޖޫން މަހާ ހަމައަށް ހަނގުރާމަ ދިގުލައި، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ 100 އެމެރިކާ ޑޮލަރުން މަތީގައި ހުރެއްޖެނަމަ، 45 މިލިއަނެއްހާ މީހުން ހައިހޫނުކަމުގެ ނުރައްކަލަށް ވެއްޓިގެންދާނެކަމަށް ލަފާކޮށްފައެވެ.

ޑަބްލިޔުއެފްޕީން ބުނީ، އޭރު އަންދާޒާކުރި ޙާލަތު މިހާރު ދުނިޔެއާ އަރާ ހަމަކޮށްފައިވާ ކަމަށެވެ.

މިގޮތުން، އަފްޣާނިސްތާނު، ސޯމާލިއާ އަދި ސްރީ ލަންކާ ފަދަ ޤައުމުތަކުގައި ތެލާއި ކާބޯތަކެތީގެ އަގު މަތިވުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.

ސޯމާލިއާގައި 6.5 މިލިއަން މީހުން ހައިހޫނުކަމުގެ ޙާލަތަށް ވެއްޓޭނެކަމަށް ޑަބްލިޔުއެފްޕީން އަންދާޒާކުރާއިރު، އަފްޣާނިސްތާނުގައި އެ އަދަދު 17.4 މިލިއަނަށް އަރާނެކަމަށް އެ އިދާރާއިން ބުންޏެވެ.

އަދި ހަނގުރާމައިގެ ސަބަބުން، ބޮޑެތި ޤައުމުތަކުން މާލީ އެހީ ދިނުން މަދުކޮށްފައިވުމުގެ ސަބަބުން، އެންމެ ޙާލަތު ގޯސް ޤައުމުތަކަށް ކޮންމެހެން ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.