ކުޅިވަރު

ވިސާ ހަމަނުޖެހުމުން ދެކުނު އެފްރިކާ ޓީމު މެކްސިކޯ އަށް ފުރުން ފަސްކޮށްފި


ވިސާ ހަމަނުޖެހިން ދެކުނު އެފްރިކާގެ ގައުމީ ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެކްސިކޯ އަށް ދާން އޮތް ފްލައިޓް ކެންސަލް ކޮށްފި އެވެ.

ދެކުނު އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ވިސާ ނުދިނުމުން ޓީމު އެކީގައި ދަތުރު ކުރެވޭ ގޮތް ނުވުމުން ފްލައިޓް ކެންސަލް ކުރީ ކަމަށެވެ. ކުރިން ހަމަޖެހިފައި އޮތީ ޖޮހަނަސްބާގުން ފުރައިގެން އާދީއްތަ ދުވަހު މެކްސިކޯ ސިޓީ އަށް ދާ ގޮތަށެވެ.

ނަމަވެސް ޓީމު އެއްކޮށް ފުރާ ގޮތް ނުވުމުން މެކްސިކޯގެ ސަރުކާރާއި ފީފާއާއި އެކު މިކަމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ދެކުނު އެފްރިކާއިން ވަނީ ބުނެފަ އެވެ. ޓީމަށް އާދީއްތަ ދުވަހު ފުރޭނެ ކަމަށް ބަލާފައި ހޮނިހިރު ދުވަހު ވަނީ ދެކުނު އެފްރިކާ ޓީމަށް އަލްވަދާއު ކިއުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. މިކަމާ ގުޅިގެން ހޯމަ ދުވަހު ހެނދުނު ދެކުނު އެފްރިކާއިން ބުނީ މިހާރު ހަމަޖެހިފައިވާ ގޮތުން އަންގާރަ ނުވަތަ ބުދަ ދުވަހު ޓީމުގެ އެންމެނަށް ވިސާ ހަމަޖެހިގެން މެކްސިކޯ އަށް ފުރިދާނެ ކަމަށެވެ.

މުބާރާތް ހުޅުވަން މެކްސިކޯއާ ދެކޮޅަށް ކުޅެން ޖެހޭ ޓީމަކީ މެކްސިކޯ އެވެ. ޖޫން 11 ވަނަ ދުވަހު ކުޅޭ މެޗަށް ދެކުނު އެފްރިކާ ޓީމު އަވަހަށް މެކްސިކޯ އަށް ދާން ބޭނުންވީ އެ ގައުމުގެ މާހައުލަށް ހޭނުމަށެވެ.

އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތަށް މި ތިން ގައުމަށް އެތެރެވުމުގައި ބައެއް ގައުމުތަކަށް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. ސަބަބަކީ ސިޔާސީ ގުޅުމާއި އެނޫން ވެސް ކަންކަމުގައި ގައުމުތަކުގެ ގުޅުން ގޯސްވުމެވެ.