ތަރައްްޤީ

އައު ރަންވޭގެ ބިން ހިއްކުމުގެ 30 އިންސައްތަ މަސައްކަތް ނިމިއްޖެ


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ ބިން ހިއްކުމުގެ 30 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށްޓަކައި އިތުރު ދެ ޑްރެޖަރ މި ހަފްތާތެރޭ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

img:http://s2.psmnews.mv/images/660x400/14760955099431.jpg|މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ- ފޮޓޯ: ޕީއެސްއެމް

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގައި މިހާރު ކުރިއަށްދާ މެގަ ޕްރޮޖެކްޓްތަކުގެ ތެރެއިން އެއް މަޝްރޫޢެއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލުމަށްފަހު މި މަޝްރޫއުގެ އެންމެ ފަހުގެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރައްވަމުން، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ އާ ރަންވޭއަށް 62 ހެކްޓަރުގެ ބިމެއް ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާރު ހުޅުމާލެއަށް ވަންނަން ބޭނުންކުރާ ނެރާ ހަމައަށް ބިން ހިއްކާނެ ކަމަށެވެ. އަދި ހުޅުމާލެއަށް ވަންނަން ބޭނުންކުރާނެ އިތުރު ނެރެއް ކަނޑާފައިވާ ކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

އަލަށް ހަދާ ރަންވޭގެ ދިގު މިނުގައި 3400 މީޓަރު އަދި ފުޅާ މިނުގައި، 65 މީޓަރު ހުންނާނެއެވެ. އާދިލް ވިދާޅުވީ އާ ރަންވޭއަކީ އެންމެ ބޮޑެތި އެއަރކްރާފްޓްތައް ޖެއްސޭވަރުގެ ރަންވޭއެއް ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14694230588418.jpg|އެއަރޕޯޓްގެ އާ ރަންވޭ ހެދުމަށް ބިން ހިއްކާ ސަރަހައްދު- ފޮޓޯ: ޕީއެސްއެމް

އާ ރަންވޭ ބޭނުންކުރަން ފެށުމުން މިހާރު ބޭނުންކުރާ ރަންވޭ ވެގެންދާނީ ޓެކްސީ ވޭއަކަށެވެ. އެގޮތަށް އޮޕަރޭޝަންތައް ބަދަލުވެގެން ދިޔުމުން، ރަންވޭ ހުސްވަންދެން އެހެން ބޯޓުތައް މަޑުކުރަން ޖެހޭ ވަގުތު ކުޑަކުރެވިގެންދާނެ ކަމަށް އާދިލް ވިދާޅުވިއެވެ. އާ ރަންވޭއަށް ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ރަންވޭ ކައިރީގައި ޓީއެމްއޭ ސީޕްލޭން ޓަރމިނަލް ހުރުމާއި ގުޅިގެން، ސީ ޕްލޭން ޓަރމިނަލް މިހާރު ބޭނުންކުރާ އޭޓީސީ ޓަވަރ ހުރި ދިމާލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އާ ރަންވޭ ހެދުމުގެ މަޝްރޫއުގެ ދަށުން 120،000 ޓަނުގެ މުދާ ރައްކާކުރެވޭނެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ޤާއިމްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.