ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ. ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ސަބަބުން ބަލީގެ ސަބަބުން ފުރާނައަށް ގެއްލުންވުން ދުރުކޮށްދޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. އެހެންނަމަވެސް މިވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިންވަނީ ފެނިފައެވެ. އެއާއެކު ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލި އިތުރަށް ފެތުރުނުނަ ނުދިނުމަށް އެޗްޕީއޭއިންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިމެއި މަހުގެ 13 ވަނަ ދުވަހު މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމައި ގުޅިގެން އެޗްޕީއޭއިން މިހާރުދަނީ އެފަރާތްތަކާއި ބައްދަލުވީ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ޓެސްޓު ހެދުމާއި އަދި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މާލެ ސަރަޙައްދުން 9 ފަރާތެއްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން އެކަން ދަމަހައްޓާ، ބަލީގެ ނުރައްކާ ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
"ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ގޭގައި އުޅޭ މީހުންނަށް ނުވަތަ ޑައިރެކްޓް ކޮންޓެކްޓްސްއަށް އަޅުގަނޑުމެން ވެކްސިން އެބަދެން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވެކްސިން ގެ 2 ޑޯޒް ފުނިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން. ވެކްސިން ރާއްޖެއިން ބޭރުން ގެނައުމަށް ކުރިއަށްގެންދާ ޕްރޮސެސް މިހާރު ކުރިއަށްދަނީ." ނާޝިޔާ ވިދާޅުވިއެވެ.
ހިމަބިހީގެ ވެކްސިންއަށް ޤައުމީ ވެކްސިން ތާވަލުގެ ތެރެއިން އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2 ޑޯޒު އަންނަނީ ދެމުންނެވެ. އެހެންނަމަވެސް މިވެކްސިންތައް ދީފައިވާކަން ކަށަވަރުކުރެވޭ ލިޔެކިޔުމެއް ނެތްނަމަ، އެންމެ ރައްކާތެރިގޮތަކީ ހިމަބހީގެ ވެކްސިންގެ 2ޑޯޒު ފުރިހަމަކުރުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ވެކްސިންގެ ސަބަބުން ބަލީގައި ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަކޮށްދެއެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑުވާ މީހުންގެ ތެރޭގައި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތައް ހިމެނެއެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ. އެހެންކަމުން މިފަދަ އަލާމާތްތައް ފެންނަނަމަ މީހުންގެ ތެރެއަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ސިއްޙީ އެހީތެރިކަން ހޯދުމަށް ހޮސްޕިޓަލަށް ދާއިރުވެސް މާސްކު ބޭނުންކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
މިދުވަސްވަރު ޗުއްޓީއަށް ގިނަ ބަޔަކު ދަތުރުކުރަމުންދާތީ ގައިންގަޔަށް އަރާ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އެކި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ. އެގޮތުން ދަތުރަށްފަހު ހުމާ ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ މީހުންގެ ތެރެއަށް ނުގޮސް ގޭގައި މަޑުކުރުމަކީ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ މުހިއްމުކަމެކެވެ.