ތަރައްްޤީ

ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ، ބައިލެޓަރަލްގެ މަޤާމަށް ޚަލީލް


ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓަރަލްގެ މަޤާމަށް ގަލޮޅު އުތުރުގޭ، އަޙްމަދު ޚަލީލު ޢައްޔަނު ކުރައްވައިފިއެވެ.

އަޙްމަދު ޚަލީލު މި މަޤާމަށް ޢައްޔަނު ކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

އަޙްމަދު ޚަލީލަކީ 1982 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކި މަޤާމުތަކުގައި އަދި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ތަޖުރިބާކާރު ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.

އަޙްމަދު ޚަލީލު އެންމެފަހުން ފުރުއްވީ ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ. އެ މަޤާމަށް އޭނާ ޢައްޔަނު ކުރައްވާފައިވަނީ 28 އޮކްޓޫބަރު 2009 ގައެވެ. އޭގެކުރިން އ.ދ. ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމުގައިވެސް ޚިދުމަތް ކުރައްވާފައިވެއެވެ.

ޚާރިޖީ ދާއިރާގައި އޭނާ ފުރުއްވާފައިވާ ބައެއް އެހެން މަޤާމުތަކުގެ ތެރޭގައި، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ 3 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމާއި، ޔޫ.އެން.ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގެ 3 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމާއި، 2 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމާއި، 1 ވަނަ ސެކްރެޓަރީ ކަމުގެ މަޤާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ، އިންޓަރނޭޝަނަލް އެފެއާޒް ކަމުގެ މަޤާމާއި، ޑިރެކްޓަރ ކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމުވެސް ވަނީ ފުރުއްވާފައެވެ.