ޚަބަރު

ފްރެންޗް އޯޕަންގެ ދެވަނަ ބުރުން ސިނާ ކަޓައިފި


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން އިޓަލީގެ ޔަނިކް ސިނާ ކަޓައިފި އެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސިނާ މި މުބާރާތުގެ ދެވަނަ ބުރުން ކަޓާފައިވަނީ މި މުބާރާތުގައި 56 ވަނަ އަށް ސީޑު ކޮށްފައިވާ އާޖެންޓީނާގެ ހުއާން މެނުއެލް ޗެރުންޑޯލޯ އަތުން 3 ސެޓު 2 ސެޓުންނެވެ. މިއީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ތިންވަނަ ބުރުން ޗެރުންޑޯލޯ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓު ތިނެއް ހައެއް އަދި ދޭއް ހައެއްގެ ނަތީޖާއަކުން ސިނާ ކާމިޔާބުކުރި ނަމަވެސް ފަހު ތިން ސެޓު ޗެރުންޑޯލޯ ވަނީ ހަތެއް ފަހެއް, ހައެއް އެކެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރާޒް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މި ފަހަރުގެ މުބާރާތުގައި ވާދަނުކުރާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރި ކުޅުންތެރިއަކީ ޔަނިކް ސިނާ އެވެ.

ނަމަވެސް މި ނަތީޖާ އާއިއެކު ކުރިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސަރބިޔާގެ ނޯވަކް ޖޮކޮވިޗްއަށް ވަނީ އިތުރު ސަމާލުކަމެއް ލިބިފަ އެވެ.

ޕެރިހުގެ ގަދަ ހޫނުގައި ކުޅުނު މި މެޗުން ބަލިވެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުން ސިނާ ކަޓާފައިވާއިރު މިއީ މިހާތަނަށް ސިނާއަށް ކާމިޔާބުކުރެވިނުވާ ހަމައެކަނި މުބާރާތެވެ.