ޚަބަރު

އޮޑިޓް މަސައްކަތްތައް އަވަސްކުރުމުގެ ބައްދަލުވުމެއް ފަށައިފި


އޮޑިޓަރ ޖެނެރަލް އޮފީހުގެ އޮޑިޓް މަސައްކަތްތައް ހަލުވިކޮށް އަވަސް ކުރުމުގެ މަޤްޞަދުގައި ފަސްދޮޅަސް މުވައްޒަފަކު ތަމްރީންކުރުމުގެ މަސައްކަތް އެ އޮފީހުން ފަށްޓަވައިފިއެވެ. 

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ، އޮޑިޓަރ ޖެނެރަލް އޮފީހުން ކުރަންޖެހޭ އޮޑިޓް މަސައްކަތްތައް ހަލުވިކޮށް، ކަނޑައަޅާ މުއްދަތުގައި ނިންމުމަށް މަގުފަހިކުރުންކަމަށް އޮޑިޓް އޮފީހުން މަޢުލޫމާތުދެއްވައެވެ. 

މި މަސައްކަތު ބައްދަލުވުން ފަށްޓަވާދެއްވާ ވާހަކަ ދައްކަވަމުން ފައިނޭޝިއަލް ކޮންޓްރޯލަރ ފާޠިމަތު ރަޒީނާ ވަނީ، ދައުލަތުގެ މާލީ ހިސާބު ތައްޔާރުކުރަންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ލިބެނީ ކަމާބެހޭ މުއައްސަސާތަކުންކަމަށް ވިދާޅުވެ، މާލީ ހިސާބު ތައްޔާރުކުރުމުގެ މުހިންމުކަމާއި އެކަމުގައި މުއައްސަސާތައަކުގެ ދައުރަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. އަދި މި މަސައްކަތު ބައްދަލުވުމުން ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަށް ބައިވެރިންގެ ކިބައިން ފައިނޭޝިއަލް ކޮންޓްރޯލަރ އެދިވަޑައިގެންނެވިއެވެ.