ޚަބަރު

ރާއްޖެ އެތެރެކުރި 1.54 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


ބަންގްލަދޭޝް އިން ރާއްޖެ އެތެރެކުރި 1.54 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އިން މަޢުލޫމާތުދެއްވި ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ބަންގްލަދޭޝް އިން މިހިން ލަންކާ ފްލައިޓަކުން ރާއްޖެއައި ފިރިހެނެއްގެ ފޮށިތަންމަތީގައި ރައްކާކޮށްފައި ހުއްޓައެވެ. އަދި މިތަކެތި ތަހުލީލުކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއްވައެވެ.

މިމައްސަލައާއި ގުޅިގެން އެ މީހާއާއި ސުވާލުކޮށް މައްސަލާގައި ޝާމިލްވާ އިތުރު ފަރާތްތަކެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ބަނގްލަދޭޝްގެ އިތުރު 2 މީހަކު އަތުލައިގަނެވިފައިވާކަމަށާއި، މިމީހުންނާއި، އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށް މި މައްސަލަ އިތުރަށް ތަޙްޤީގް ކުރައްވަމުންދާކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އިން މިދިޔަ ހަފްތާގައިހިންގި ތަފާތު 3 އޮޕަރޭޝަނެއްގައި، ރާއްޖެ އެތެރެކުރަން އުޅުނު 25 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.