އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާގެ ގޯތިތެރެ، ހަތަރު ދުވަހުގެ މުއްދަތަށް ދެމިގެންދާ އަޟުޙާ ޢީދު ބަންދުގެ ފުރަތަމަ ދުވަހު އީދު ނަމާދު ކުރުމަށް ޖަމާވި މުސްލިމުންނާއެކު ވަނީ ފުރިބާރުވެފައެވެ.
މި މުނާސަބަތުގައި މުސްލިމުން އުޟްޙިޔާ ކަތިލަނީ އިބްރާހީމްގެފާނުގެ މަތިވެރި ޤުރުބާނީގެ ހަނދާން އައުކުރުމުގެ ގޮތުންނެވެ. އަދި މިގޮތުން ކަތިލެވޭ ތަކެތީގެ މަސް މުޖުތަމައުގެ ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް ބަހައިދެއެވެ.
މުސްލިމުންގެ ކަލަންޑަރުގައި ހިމެނޭ އެންމެ މުހިންމު އެއް މުނާސަބަތު ކަމަށްވާ މިއަހަރުގެ އަޟްޙާޢީދު ބައްދަލުކުރީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޔަހޫދީން ތަކުރާރުކޮށް ޚިލާފުވަމުންދާ ނުތަނަވަސް ދަނޑިވަޅެއްގައެވެ.
އީދުގެ ތައްޔާރީތައް ކުރިއަށް ދަނިކޮށް، ޔަހޫދީ ސިފައިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގެ ރަށްތަކަށް ވަދެގަނެ، ވިޔަފާރިތައް މަޖުބޫރުން ބަންދުކުރުވައި އާންމުންނަށް އަނިޔާކޮށްފައެވެ. މިކަން ހާމަކޮށްފައިވަނީ އެ ސަރަހައްދުގެ މީހުންނާއި ފަލަސްތީނުގެ ރަސްމީ މީޑިއާއިންނެވެ.
މި ހަމަލާތައް ދީފައިވަނީ އީދަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކު ބާޒާރުކުރަމުން ދިޔަ ވަގުތެއްގައެވެ. އެއީ ފަލަސްތީނުގެ ސަރުކާރުން މުވައްޒަފުންގެ މުސާރައިގެ ބައެއް ދޫކޮށްފައިވާ ދަނޑިވަޅެއް ކަމަށްވާތީ، ރަށްތަކުގެ މަރުކަޒީ ސަރަހައްދުތަކުގައި އާންމުން ވަރަށް ގިނައިން ހަރަކާތްތެރިވަމުން ދިޔައެވެ.
އެންމެ ވަރުގަދަ އުދުވާނެއް ހިންގާފައިވަނީ ހެބްރޮންގެ ދެކުނުގައިވާ ދޫރާ އަވަށުގައެވެ. މަންޒަރު ދުށް މީހުން އަނަދޯލޫ އެޖެންސީއަށް ކިޔައިދިން ގޮތުގައި، ގިނަ ބަޔަކު ބާޒާރުމަތީގައި ހަރަކާތްތެރިވަމުން ދަނިކޮށް އިސްރާއީލުގެ އަސްކަރީ އުޅަނދުތައް އެ ސަރަހައްދަށް ވަދެގަނެ، މަގުތަކަށް ސިފައިން ފެތުރިގަތެވެ. އަދި އާންމުންގެ ތެރެއަށް ކަރުނަގޭސް ޖަހައި، މަޖުބޫރުން ފިހާރަތައް ބަންދުކުރުވިއެވެ.
އިސްރާއީލުން މިފަދަ ހަމަލާތަކެއް ދީފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި މީހުން މެރުމާއި، ހައްޔަރުކުރުމާއި، ރަށްތަކަށް ވަދެގަނެ ހިންގާ ޖަރީމާތައް އެ ގައުމުގެ އަސްކަރިއްޔާއިން އިތުރަށް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައެވެ.