ތަރައްްޤީ

އެއަރޕޯޓްގެ ތަރައްޤީއަށް ފަންޑިންގ އެޖެންސީއަކާއެކު ސޮއިކުރަނީ


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އިތުރު ފަންޑިންގ އެޖެންސީއަކާއެކު ސޮއިކުރަން ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީން ހާމަކޮށްފިއެވެ. އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މި އެއްބަސްވުމުގައި ދެމަސްދުވަހުގެ ތެރޭގައި ސޮއިކުރެވޭނެއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ފައިސާ ހޯއްދެވުމަށް މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. މިކަމަށް ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި ދުނިޔޭގެ މުއްސަނދި ބައެއް ޤައުމުތަކާއި މާލީ އިދާރާތަކުން ވަނީ އެހީ ލިބިފައެވެ. img:http://s2.psmnews.mv/images/660x400/14760374259380.jpg|އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު - ފޮޓޯ: ޕީއެސްއެމް

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށްފަހު މި މަޝްރޫއުގެ އެންމެ ފަހުގެ މަޢުލޫމާތު މީޑިއާ ޙިއްޞާ ކުރައްވަމުން، އެއަރޕޯޓްސް ކޮމެޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ފަންޑިންގ އެޖެންސީތަކާއެކު ސަރުކާރުން މަޝްވަރާތައް ކުރައްވަމުން ކުރިއަށް ގެންދާ ކަމަށެވެ.

ޢާދިލް ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ލިބިފައިވާ ފަންޑުތަކާއެކު ޓަރމިނަލްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށާއި، އެކަމަށް ފައިސާގެ އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ޢުމްރާނީގޮތުން ހިންގާ އެންމެ ބިޔަ، އަދި އެންމެ އަގުބޮޑު އެއް މަޝްރޫޢެވެ. ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢަށް ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މި މަޝްރޫޢުގެ ދަށުން އެއަރޕޯޓުގައި އަޅާ އައު ރަންވޭއަށް ބޭނުންވާ ބިންހިއްކެވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާއިރު، މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ ޢަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާ ވަނީ ޙަވާލުކުރައްވާފައެވެ.

އެއަރޕޯޓް ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢު ސަޢުދީ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ދެއްވާފައިވާއިރު، ހަމަ މި މަޝްރޫޢު ކުވައިތު ފަންޑް ފޮރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން 51 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ވަނީ ދެއްވާފައެވެ. އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލް އަދި ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމަށް ޖުމްލަ 300 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.