ޚަބަރު

ރިސޯޓުތަކުގައި 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރި


  • އަހަރުގެ މިހާތަނަށް 879،154 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވޭ

  • ޗައިނާއިން ރާއްޖެއަށް 134،838 ފަތުރުވެރިން ޒިޔާރަތް ކުރި

އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، ރާއްޖެ އައި ފަތުރުވެރިންގެ %70.4 އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 879،154 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %5.3 ދަށް އަދަދެކެވެ.

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެގޮތުން ރިސޯޓުތަކުގައި 604،885 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިއެވެ. މިއީ، ރާއްޖެއައި ފަތުރުވެރިންގެ %70.4 އެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓެއް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ.

2ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ގެސްޓްހައުސްތަކުގައެވެ. އެއީ، 211،275 ފަތުރުވެރިންނެވެ. ރާއްޖޭގައި މިވަގުތު 952 ގެސްޓްހައުސް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ.

މި މުއްދަތުގައި ހޮޓެލްތަކުގައި 22،512 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 19،222 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތައް:

* ޗައިނާ: 134،838 ފަތުރުވެރިން
* ރަޝިއާ: 116،010 ފަތުރުވެރިން
* އިނގިރޭސިވިލާތް: 75،886 ފަތުރުވެރިން
* އިޓަލީވިލާތް: 67،930 ފަތުރުވެރިން
* ޖަރުމަނުވިލާތް: 56،966 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން ވައިގެ މަގުން ރާއްޖެއަށް 865،346 ފަތުރުވެރިން ވަނީ އައސްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ، 854،372 ފަތުރުވެރިންނެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް 3،569 ފަތުރުވެރިން، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 3،130 ފަތުރުވެރިން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް 1،981 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެއިތުރުން މާމިގިނލި އެއާޕޯޓަށް 1،572 ފަތުރުވެރިން އަދި ދާލު އެއާޕޯޓަށް 722 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.