ޚަބަރު

ޞުމޫދް ފްލޮޓިއްލާއަށް ޔަހޫދީން ހުރަސްއެޅުމުން އދގެ ކަންބޮޑުވުން


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރަމުން ދިޔަ "ގްލޯބަލް ޞުމޫދް ފްލޮޓިއްލާ" ގެ (ޖީއެސްއެފް) އުޅަނދުތަކަށް ހުރަސްއަޅައި، ޔަހޫދީ ސިފައިން އެ އުޅަނދުތަކަށް އަރައިގަތުމުން އެކުވެރި ދައުލަތްތަކުން (އދ) އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޖީއެސްއެފުން ބުނީ، ޤާނޫނާ ޚިލާފަށް ޔަހޫދީ ސިފައިން އެ އުޅަނދުތައް ހިފެހެއްޓި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތުތައް ހޯދަމުންދާ ކަމުގައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެމުން، ޖީއެސްއެފުން ވަނީ ފްލޮޓިއްލާގެ އުޅަނދުފަހަރުގައި ދަތުރުކުރި އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވައިލައި، އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް އީމެއިލް ފޮނުވުމަށް ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އދން ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ސަލާމަތާމެދު "ވަރަށް ބޮޑަށް ކަންބޮޑުވާ" ކަން ހާމަކޮށްފައެވެ. މި ގޮތުން، ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމުކުރުމަށް ޔަހޫދީންނަށް ގޮވައިލައްވަމުން އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ގޮވައިލައްވާފައެވެ. އުޅަނދުތައް ހިފެހެއްޓުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއްތޯ ސުވާލުކުރުމުން ދުޖަރީކް ވިދާޅުވީ، އެ ކަން ހިނގި ގޮތުގެ ފުރިހަމަ ތަފްޞީލު ލިބިފައި ނެތް ނަމަވެސް، އެ ކަން ހިނގާފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެެއްގޮތަށް ކަމުގައި ޤަބޫލުނުކުރައްވާ ކަމުގައެވެ.

ޣައްޒާގައި ނިކަމެތިކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުން ހުއްޓައިލުމަށް ވެސް ދުޖަރީކް ވަނީ ޔަހޫދީ ދައުލަތަށް ގޮވައިލައްވާފައެވެ. ޔަހޫދީންގެ ކުރިމަތިކުރަމުންދާ ހުރަސްތަކުގެ ސަބަބުން، ޖަނަރޭޓަރުތަކާއި ފެނުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ޕަމްޕު ސްޓޭޝަންތައް ހިންގުމަށް ދަތިވެފައިވާ ކަމަށާއި، ކުނި މެނޭޖުކުރުމުގެ ދަތިކަމާއި، ގެދޮރު އަދި ވަގުތީހިޔާ ބިނާކުރުމަށް ބޭނުންވާ ތަކެތި ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޞުމޫދް ފްލޮޓިއްލާގައި ހިމެނޭ 54 އުޅަނދު ޣައްޒާގެ މިސްރާބަށް ދަތުރުކުރަމުން ދަނިކޮށް، ޔަހޫދީ ފައުޖުން އެ އުޅަނދުތަކަށް ޙަމަލާދީ، ހިފަހައްޓާފައި ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންނެވެ. މި ފްލޮޓިއްލާ ދަތުރު ފެށީ 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގެ މައްޗަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޙިޞާރު ނައްތައިލުމުގެ މަޤުޞަދުގައި، މޭ 14 ވަނަ ދުވަހު ތުރުކީވިލާތުގެ މާރްމަރިސްއިންނެވެ. މީގެ ކުރިން މި ފަދަ ހާދިސާއެއް އެޕްރީލު މަހުގެ ފަހުކޮޅު ވެސް ހިނގާފައިވެއެވެ. އެއިރު ޔަހޫދީ ސިފައިން ވަނީ ގްރީސްގެ ކްރީތީން ފުރައިގެން 39 ޤައުމެއްގެ 345 ބައިވެރިންނާއެކު ދަތުރުކުރި އެހީގެ އުޅަނދުތަކަށް ޙަމަލާދީ، ހުރަސްއަޅާފައެވެ.