ޚަބަރު

މޯލްޑިވިއަންގެ ސީދާ ފުލައިޓް މެލްބަންއިން ރާއްޖެއަށް، ފަތުރުވެރިންނަށް ހޫނު މަރުޙަބާއެއް


  • މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރު

  • ހަފްތާއަކު 1 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައި

ޤައުމީ އެއަރލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކުގައި ފުރަތަމަ ފްލައިޓް މެލްބަންއިން ރާއްޖެއަށް އައިސްފިއެވެ. މި ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުއެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮސްޓްރޭލިއާއަށް ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއިއެކު ވަނީ މަރުހަބާ ކިޔާފައެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކުގައި ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް 240 ފަތުރުވެރިން ވަނީ އައިސްފައެވެ. މޯލްޑިވިއަނުން ހަފުތާއަކު 1 ދަތުރު އޮސްޓްރޭލިއާއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ، އާދިއްތަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް އަންނާނީ، އަންގާރަ ދުވަހުއެވެ. މިއީ، 11 ގަޑިއިރުގެ ދިގު ދަތުރެކެވެ. މި ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓްގައެވެ.

މޯލްޑިވިއަނުން ބުނީ އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުތައް ފެށުމަށް ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައިކަމަށެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް ވުމަކީ މި ދަތުރުތައް ފެށި މައިގަނޑު އެއް ސަބަބުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާއަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 10ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 18،066 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކާއެކު އެޤައުމުން ރާއްޖެއަށް އަހަރެއްގެތެރޭ 11،000 ފަތުރުވެރިން ގެނެވޭނެ ކަމަށް މޯލްޑިވިއަނުން ލަފާކޮށްފިއެވެ. މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފަށާ ސީދާ ދަތުރުތަކަށް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ފްލައިޓްތައް މިހާރުވެސް %50 ފުލްވެފައިވާ ކަމަށް މޯލްޑިވިއަނުންވަނީ ވިދާޅުވެފައެވެ. އަދި ފުރަތަމަ 3 ފްލައިޓް މިހާރު އެއްކޮށް ފުލްވެފައިވާކަމަށްވެސްވަނީ ވިދާޅުވެފައެވެ.