ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ބެންފީކާ އާއިއެކު ބަލިނުވެ ލީގު ނިންމާލައިފި އެވެ.
ޕޯޗުގަލްގެ ޕްރިމެރަ ލީގާގެ ތިންވަނަ މަގާމް ބެންފީކާ އަށް ލިބިފައިވާއިރު ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން އެ ޓީމު ވަނީ 23 މެޗުން މޮޅުވެ 11 މެޗުން އެއްވަރުވެފަ އެވެ. ލީގު ޗެމްޕިއަންކަން ހޯދި ޕޯޓޯ އަށް 88 ޕޮއިންޓް ލިބިފައިވާއިރު ބެންފީކާ އަށް ލިބިފައިވަނީ 80 ޕޮއިންޓެވެ.
އެސްޓޮރިލް އާއި ދެކޮޅަށް ލީގުގައި ކުޅުނު ފަހު މެޗުން ބެންފީކާ މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށްފަހު މޮރީނިއޯ ބެންފީކާ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެކަމަށް ގިނަ ރިޕޯޓްތަކެއް ވަނީ ބުނެފަ އެވެ. އަދި ބެންފީކާ އިން މޮރީނިއޯ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ހުށައެޅިނަމަވެސް އެކަން އަދި މަޑުޖައްސާލުމަށް މޮރީނިއޯ ބުނެފައިވާކަމަށްވެސް ޕޯޗުގަލްގެ މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
އުމުރުން 63 އަހަރުގެ މޮރީނިއޯ ބެންފީކާގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ސެޕްޓެމްބަރ މަހުގަ އެވެ.
ސްޕެއިންގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ވަރަށް އަވަހަށް މޮރީނިއޯ ދައްކާލާނެ އެވެ. މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެ ކްލަބުގެ ކޯޗަކަށް ގެންދަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ މޮރީނިއޯ އެވެ. އޭނާ ވަނީ މީގެ ކުރިންވެސް ރެއާލް މެޑްރިޑަށް ކޯޗުކޮށްދީފަ އެވެ.