ޚަބަރު

ތަމިލް ނާޑޫގެ އައު ޗީފް މިނިސްޓަރަކީ މަޝްހޫރު ފިލްމީ ތަރި ވިޖޭ


އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ސީ. ޖޯސެފް ވިޖޭ، ތަމިލް ނާޑޫ ސްޓޭޓްގެ އައު ޗީފް މިނިސްޓަރުކަމުގެ މަޤާމުގެ ހުވައިކުރައްވައިފިއެވެ. ވިޖޭ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އެ ސްޓޭޓްގެ ވެރިރަށް ޗެންނައިގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިޔަމްގައި، ހަރުކަށި ސަލާމަތީ ފިޔަވަޅުތަކާ އެކުގައެވެ.

އެ ރަސްމިއްޔާތާއެކު، ފާއިތުވި ފަސްދޮޅަހަކަށް އަހަރު އެ ސްޓޭޓްގައި ވެރިކަން ކުރަމުން ދިޔަ ދިރާވިޑަ މުންނޭޓްރަ ކަރްގަމްއާއި (ޑީކޭއެމް) އޯލް އިންޑިޔާ އަންނާ ދިރާވިޑަ މުންނޭޓްރަ ކަރްގަމްގެ (އޭއައިއޭޑީއެމްކޭ) ބާރު ނިމުމަކަށް އައިސް، އައު ސިޔާސީ ބާބެއް ފެށިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. ވިޖޭއާއެކު އިތުރު ނުވަ ވަޒީރަކު ވަނީ މަޤާމުގެ ހުވައިކުރައްވާފައެވެ.

ހުސްވި ހަފުތާގައި ބޭއްވި އިންތިޚާބުގައި ވިޖޭގެ ތަމިލްގަ ވެއްޓި ކަރްގަމްއިން (ޓީވީކޭ) 108 ގޮނޑި ކާމިޔާބު ކުރި ނަމަވެސް، އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 118 ގޮނޑި ހަމަވީ އިދިކޮޅު ކޮންގްރެސް ޕާޓީއާއި ކޮމިޔުނިސްޓް ޕާޓީ އޮފް އިންޑިޔާ (ސީޕީއައި) ފަދަ ކުދި ޕާޓީތަކުގެ ތާއީދާއެކުގައެވެ. ކޮމިޔުނިސްޓް ޕާޓީ އޮފް އިންޑިޔާ-މާކްސިސްޓް (ސީޕީއައި-އެމް)، ވިޑްތަލީ ސިރުތެއިގަލް ކައްޗީ (ވީސީކޭ) އަދި އިންޑިއަން ޔޫނިއަން މުސްލިމް ލީގުގެ އެހީތެރިކަމާއެކު ޖުމްލަ 120 މެންބަރުންގެ ތާއީދު ވިޖޭއަށް ވަނީ ލިބިފައެވެ. މިއީ ޒަމާންވީ ސަރަޙައްދީ ބާރުތައް ބަލިކޮށް، ސިޔާސީ ތަޖުރިބާ މަދު ނަމަވެސް ޢާންމުންގެ ތާއީދާއެކު ވިޖޭ ހޯއްދެވި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ.

ވިޖޭ ހުވައިކުރެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި އިންޑިޔާގެ ސިޔާސީ އިސް ފަރާތްތަކުގެ އިތުރުން ފިލްމީ ދާއިރާގެ މަޝްހޫރު ފަންނާނުންނާއި ވިޔަފާރިވެރިން ބައިވެރިވިއެވެ. ޚާއްޞަކޮށް، ކޮންގްރެސް ޕާޓީގެ އިސްވެރިޔާ ރާހުލް ގާންދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ވިޖޭގެ އިއްތިޙާދު ސަރުކާރަށް ލިބުނު ބޮޑު ބާރެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ. ވިޖޭގެ މި ކާމިޔާބީއާއެކު އޭނާއަށް ތާޢީދުކުރާ މީހުންނާއި ފޭނުން ވަނީ ޗެންނައިގެ މަގުތަކުގައި އުފާފާޅުކޮށް، އައު ސަރުކާރަށް މަރުޙަބާ ކިޔާފައެވެ.

ޢާންމުންގެ މެދުގައި "ތަޅުޕަތީ" ނުވަތަ ކޮމާންޑަރުގެ ނަމުން މަޝްހޫރު ވިޖޭއަކީ އިންޑިޔާގެ ފިލްމީ ދާއިރާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ތަރިއެވެ. އިންޑިޔާގެ ސިޔާސީ މައިދާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަޤާމަށް އޭނާ ކުރައްވާފައިވާ މި ދަތުރަކީ، 1977 ވަނަ އަހަރު ތަމިލް ނާޑޫގެ ޗީފް މިނިސްޓަރު ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވި އެމްޖީ ރާމަޗަންދްރަންގެ ސިޔާސީ ދަތުރާ އެއްގޮތް ދަތުރެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. ޒުވާނުންނާއި އަންހެނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް އޮތް ވިޖޭ ވަނީ، ސިޔާސީ ދާއިރާއަށް ފުރިހަމައަށް ވަގުތު ދެއްވުމަށް ޓަކައި ފިލްމީ މަސައްކަތްތަކުން ރިޓަޔަރ ކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.