ޚަބަރު

އޮޕަރޭޝަން ކުރަނގި: ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލެއް


  • އޮޕަރޭޝަން ކުރަނގި ފެށީ 2 މެއި 2024ގައި

  • ބަޔޯމެޓްރިކް ނެގުނު ބިދޭސީންގެ އަދަދު %13އިން %98އަށް ވަނީ އިތުރުވެފައި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އިއްޔެ، މިއަދަކު ރާއްޖެއަށް ދިމާވެގެން އުޅޭ ކަމެއް ނޫނެވެ.

ރާއްޖެއަށް ޓޫރިސްޓް ވިސާގައި އެތެރެވުމަށްފަހު ވިސާ ހަމަވުމުންވެސް ދިރިއުޅެމުން އަންނަ ބިދޭސީންނާއި ރާއްޖެއަށް އޭނާ ގެންނަ އެޖެންޓުންނަށް ފިލައިގެން އެކި ރަށްރަށުގައި ބިދޭސީން މަސައްކަތް ކުރާ ވާހަކަތަކަކީ އަބަދުވެސް އަޑުއިވޭ އެހެން ނަމަވެސް މިހާތަނަށް ހައްލު ނުލިބި އޮތް މައްސަލައެކެވެ. ނަމަވެސް މިއަދު އެކަން ބަދަލުވެ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެކަމުގެ އުއްމީދެއް މިހާރު ވަނީ ލިބިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމުގެ ގޮތުން ޚާއްސަ އިސްކަމެއް ދެއްވައިގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ އިރުޝާދުފުޅުގެ ދަށުން ދާޚިލީ ވުޒާރާއިން "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ފެއްޓެވީ މީގެ ދެ އަހަރު ކުރިން 2 މެއި 2024ގައެވެ. މި މަސައްކަތުގެ އަމާޒަކަށްވީ ރާއްޖޭގައި ޒަމާންތަކެއްވަންދެން އޮތް މި މައްސަލަ އެއްކޮށް ހައްލުކުރުމެވެ.

ދާޚިލީ ވުޒާރާއާއި ކަމާގުޅުންހުރި އެކި އިދާރާތައް ގުޅިގެން ފެށި މަސައްކަތުން މިއަދު މިވަނީ ބޮޑު ކުރިއެރުންތަކެއް ހާސިލްކޮށްފައެވެ. އެގޮތުން، ސައްޙަކަން ކަށަވަރުކުރެވިފައިވާ އެކްޓިވް ވަރކް ޕާމިޓްގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެ މަސައްކަތްކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %98 މީހުންގެ ބަޔޯމެޓްރިކް ވަނީ ނަގާފައެވެ. އެއީ އެމީހުންގެ 10 އިނގިލީގެ ނިޝާނާއި އެންމެފަހުގެ ފޮޓޯތަކެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި އަދުގެ ސަރުކާރުން ހާސިލް ކުރި މި ކާމިޔާބީއަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ނުކުރެވުނު ކަމެކެވެ. ކޮންމެ ސަރުކާރަކުންވެސް މި މައްސަލަ ހައްލު ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ވަކި ހިސާބަކުން މަސައްކަތްތައް މަޑުޖެހި، ދައުރު ނިމޭއިރުވެސް އެކަމަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވެއެވެ.

17 ނޮވެމްބަރު 2023ގައި ރައީސް ޑރ. މުޢިއްޒު ސަރުކާރާ ހަވާލުވުމާ ހަމައަށް ސަރުކާރުގެ ޑާޓާބޭސްގައި ހުރީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެންމެ %13 މީހުންގެ ބަޔޯމެޓްރިކްސްއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު ސަރުކާރުގައި ނެތުމަކީ ޤައުމުގެ ސަލާމަތަށްވެސް އޮތް ނުރައްކަލެކެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިގޮތުގައި މިހާތަނަށް ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މީހުންގެ ޑޮކިއުމަންޓުތައް ނެތުމުގެ ސަބަބުން އެ މީހާގެ މައުލޫމާތު ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ. އަދި އެމީހާ ރާއްޖެ އެތެރެވީ ގަވާއިދާ އެއްގޮތަށްތޯ ނުވަތަ އެ މީހާ ދިރިއުޅެނީ ކޮންތަނެއްގައިތޯ ދެނެގަނެވޭނެ ގޮތެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.

މިއަދު އެއްކުރެވޭ ޑޭޓާއިން މިކަމުގައި ބޮޑު ހައްލެއް ލިބެއެވެ. އޮޕަރޭޝަން ކުރަނގީގައި ގަވާއިދުގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރަން ބޭނުންވާ ބިދޭސީންނަށް އެ ފުރުޞަތުތައްވެސް ވަނީ ފަހިކޮށްދީފައެވެ. އަދި މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓް ކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި އޮޕަރޭޝަން ނިމޭއިރު ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ މައުލޫމާތު ސަރުކާރުގެ ޑޭޓާބޭސްގައި ހުންނާނެއެވެ. ކާކުކަން އެނގޭނެ ކަހަލަ ލިޔެކިޔުމެއް އެމީހާ އަތުގައި ނެތަސް އޭނާއަކީ ކާކުކަން، ކޮން ޤައުމެއްގެ މީހެއްކަން، އޭނާ މަސައްކަތް ކުރަނީ ކޮންތަނެއްގައިކަން ވަގުތުން ކަމާބެހޭ އިދާރާތަކަށް ބަލައިލެވޭނެއެވެ.

މީގެ ސަބަބުން ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނާއި ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލަ ހައްލުވާނެއެވެ. އެ ބިދޭސީ މީހާ ގެންނަ އެޖެންޓަށް ފިލައިގެން ކާކުކަން ނޭނގޭގޮތަށް އެހެން ރަށްރަށުގައި މަސައްކަތްކުރާ ކުރުމަށް ހައްލު ލިބިގެންދާނެއެވެ.

ސަރުކާރުގެ މި މުހިންމު މަސައްކަތާއެކު ބޯޑަރ ކޮންޓްރޯލް ހަރުދަނާ ކުރެވި، ޤައުމި ސަލާމަތަށް އޮތް ނުރައްކާ ނައްތާލެވޭނެއެވެ. އަދި ޤާނޫނު ތަންފީޒުކުރުމާއި އިމިގްރޭޝަން އެންފޯސްމަންޓް ހަރުދަނާ ކުރެވި ބިދޭސީން ކުރާ ކުށްތައް މަދުވެ، ރާއްޖޭގެ މައިގްރޭޝަން މެނޭޖްމަންޓް ސިސްޓަމްތަކަށް ބައިނަލްއަގުވާމީ އިތުބާރު އިތުރުވެގެންދާނެއެވެ.


ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވީ އޮޕަރޭޝަން ކުރަނގި އަދި ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ ހުރިހާ މަސައްކަތުން ދައްކުވައިދެނީ ސިޔާސީ ގޮތުން ހިތްވަރު ނެރެގެން، އެކި އިދާރާތައް ގުޅިގެން ކުރާ ބުރަ މަސައްކަތުން ކާމިޔާބީ ހާސިލްވާނެކަން ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަނގި ނިންމައި، ރާއްޖޭގެ އިމިގްރޭޝަން ނިޒާމު ވަރުގަދަކޮށް، ރާއްޖެއަށް ދިމާވެފައިވާ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.