އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ މަންދޫބުން ރާއްޖެ އަންނަން ފަށައިފިއެވެ.
އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީން ކޮންމެ އަހަރަކު ބާއްވާ އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިއަހަރުގެ ސަމިޓުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ. އޭއައިޑީބީއާ ގުޅިގެން މިފަހަރުގެ ސަމިޓު އިންތިޒާމްކުރަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.
އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ހަރަކާތްތެރިވެވަޑައިގަންނަވާ 200 އަށްވުރެ ގިނަ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެއެވެ.
އޭޝިއާ މީޑިއާ ސަމިޓް ދިވެހިރާއްޖޭގައި ބޭއްވުމުގެ އެންމެ ފަހުގެ އިންތިޒާމްތައް ޕީއެސްއެމުން މިހާރު ދަނީ ކުރަމުންނެވެ.
މިމަހުގެ 11ވަނަ ދުވަހު ކުރިއަށްދާނީ ޕްރީ ސަމިޓް ވޯކްޝޮޕްތަކެވެ. ޕްރީ ސަމިޓްގެ 5 ވޯކްޝޮޕެއް ކުރިއަށްގެންދާއިރު، މިބައްދަލުވުންތަކުގެ މައުޟޫޢުތަކުގެ ތެރޭގައި ސްޓޯރީ ޓެލިންގއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުމާއި، ކުރިއަރައި ބަދަލުވަމުން އަންނަ އޭއައިގެ ޓެކްނޮލޮޖީގެ މުހިންމުކަމާއި، އޭއައިއަށް ބަރޯސާވަމުން އަންނަ މިޒަމާނުގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފަހައްޓާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރު ހިމެނެއެވެ.
އޭޝިޔާ މީޑީއާ ސަމިޓް ރަސްމީކޮށް ފަށާނީ މިމަހުގެ 12ވަނަ ދުވަހުއެވެ. މި ސަމިޓްގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތުންނެވެ.
މި ސަމިޓަކީ، އޭޝިޔާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ބްރޯޑްކާސްޓިންގއާ ގުޅޭ އިސް މަސްއޫލްވެރިން އެއްމޭޒަކަށް ވަޑައިގެން، ސަރަޙައްދުގައި އަދި ވަކިވަކި ޤައުމުތަކުގައި ޒިންމާދާރު އަދި ޖީލުތަކަށް މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާގުޅޭގޮތުން މަޝްވަރާކުރެވި، ކުރިއެރުމުގެ އައު އަމާޒުތައް ކަނޑައެޅުމާއި ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ.