ތަރައްްޤީ

ކުރިއަށް އޮތް 2 މަސްތެރޭ ސީޕްލޭންގެ ޚިދުމަތް އައްޑޫ ސިޓީއަށް!


ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރާނެ ކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ ސީޕްލޭން ބޭސް ހެދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އެކުންފުނިން ބުނެއެވެ. ގަމުގައި ސީޕްލޭން އޮޕަރޭޓްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީ.އެމް.އޭއާއެވެ.

އައްޑޫ ސިޓީގައި ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރުމަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ. އެގޮތުން ގަމުގައި ސީޕްލޭން އޮޕަރޭޓް ކުރުމުގެ ހުއްދަ ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީ.އެމް.އޭއަށް ދީފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމްކޮށްފައިވާ ފެންވަރުގެ ސީޕްލޭން ބޭސްއެއް ގަމުގައިވެސް ޤާއިމުކުރާނެ ކަމަށް ޓީ.އެމްއޭއިން ވަނީ ބުނެފައެވެ. އަދި މިކަމަށް އޮންނަ ޑިމާންޑަށް ބަލައި، ލިބޭ ތަރުޙީބެއްގެ ނިސްބަތަށް ބިނާކޮށް، މި ޚިދުމަތް އައްޑޫ ސީޓީގައި އިތުރަށް ފުޅާކުރުމަކީ އެކުންފުނީގެ އަމާޒެކެވެ.

ގަމުގައި ސީޕްލޭން ބޭސް ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙްމަދު ސަޢީދު ވިދާޅުވީ، ސީ ޕްލޭން ބޭސް ހެދުމަށް ބޭނުންވާ ޕްލެޓް އަޅައި، ރަންވޭ ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެތަނުގައި ފިޔުލް ޓޭންކް ހަރުކޮށް، ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން، ސީޕްލޭން ޓަރމިނަލް ހެދުމުގެ މަސައްކަތްވެސް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، ދަތުރުތައް ފެށުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، އޭވިއޭޝަން އޮތޯރިޓީން އެކަމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް ޓީ.އެމް.އޭއިން މިހާރު ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ މަސައްކަތްތައް ނިމި، އެތަން ރަސްމީގޮތުން ހުޅުވެންވާއިރަށް ސީ ޕްލޭން ބޭސްގެ މަސައްކަތްތައް ނިންމައި، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އައްޑޫ ސިޓީއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

އައްޑޫ އެއަރޕޯޓް ތަރައްޤީކުރެވޭ މިންވަރަކުން، ފޮޓޯ ފްލައިޓްގެ ޚިދުމަތާއި، މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ފަދަ ޓީ.އެމް.އޭއިން މިހާރުވެސް ދެމުން އަންނަ ޚިދުމަތްތައް ތަޢާރަފު ކުރަމުން ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. ހަމައެހެން އެ ސަރަޙައްދުގެ ޓްރެފިކް ޖާގަދިން މިންވަރަކުން ފުވައްމުލަކާއި، ހުވަދުއަތޮޅުގެ ރަށްތަކަށްވެސް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޓީ.އެމް.އޭއިން ބުނެއެވެ.

ފާއިތުވި 3 އަހަރުވެސް އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ލީޑިންގ ސީޕްލޭން އޮޕަރޭޓަރގެ އެވޯޑް ޙާޞިލްކޮށްފައިވާ ޓީ.އެމް.އޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓާއެކު އެންމެފުޅާ ދާއިރާއެއްގައި މި ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ. އެގޮތުން އެކުންފުނިން މިހާރުވެސް 45 ޓުވިން އޮޓަރ ސީޕްލޭން އޮޕަރޭޓް ކުރަމުންދެއެވެ.